ޚަބަރު

"ފަލަސްތީނާއި ސީރިއާގެ މައްސަލަ ހައްލުނުކުރެވުމަކީ ލަދެއް"


ފަލަސްތީނާއި ސީރިއާގައި ހާލުގައި ޖެހިފައިތިބި މީހުންގެ މައްސަލަ ޙައްލުނުކުރެވި ދިއުމަކީ މުޅި ދުނިޔެ ލަދުގަންނަންޖެހޭ ކަމެއްކަމަށް ދިވެހިރާއްޖެއިން ބުނެފިއެވެ.

އދ.ގެ އިންސާނީ ޙައްޤުތަބާބެހޭ ކައުންސިލްގެ 37 ވަނަ ސެޝަންގެ މަތީފެންވަރުގެ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ތަޤްރީރު ކުރައްވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޝިހާމް ވަނީ އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުއާހަދާއަށް 70 އަހަރުފުރޭ މި މުނާސަބަތުގައި، އިސްރާއީލުން ފަލަސްތީން އިސްތިއުމާރު ކޮށްފަ އޮންނަތާ 70 އަހަރު ވެފައިވާކަމުގެ ހަނދާން އާކުރައްވާފައެވެ. މިނިސްޓަރ ވިދާޅުވީ ރުޅިވެރިކަމާއި ބިރުވެރިކަމާއި ދެކޮޅުވެރިކަން ފަލަސްތީނުގައި ދިގުދެމިގެންދިއުމުގެ ސަބަބުން، އެތައް ޖީލަކަށް އޭގެ ނޭދެވޭ އަސަރު ކޮށްފައިވާކަމަށެވެ. އަދި ފަލަސްތީނުގެ ޙައްޤުގައި ބައިނަލްއަޤްވާމީ މުޖުތަމައުން ތެދުވަންވީ ވަގުތަކީ މިއީކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ފަލަސްތީނާއި ސީރިއާގައި ހިނގަމުންދާ ކަންކަން ހައްލު ނުކުރެވުމަކީ މުޅި ދުނިޔެ އެކަމާ ލަދުގަންނަން ޖެހޭކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ދުނިޔެއަށް ދިމާވާ މައްސަލަތައް ހައްލު ކުރުމަށް ތެދުވަންވީ ވަކި ބޮޑެތި ޤައުމުތަށް އެކަނި ނޫން ކަމަށާއި ކުދި ޤައުމުތަކުންވެސް އެކަން ކުރަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ކުދި ޤައުމުތަކުގެ ބައިނަލްއަޤްވާމީ ޖަމިއްޔާ، އެއޯސިސްގެ ޗެއަރގެ ހައިސިއްޔަތުން ރާއްޖެއިން ދެމެހެއްޓެނިވި ތަރައްޤީއާއި މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް އިސްދައުރެއް އަދާކުރަމުންދާކަން މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.