ކުޅިވަރު

އިތުރު ބެލޮންޑީއޯއެއް ނުލިބުނަސް ފުދޭނެ: ރޮނާލްޑޯ


އޭނާއަށް އިތުރު އަހަރަކު ބެލޮންޑީއޯ އެވޯޑް ނުލިބުނަސް މިހާރު ފުދޭނެ ކަމަށް ޕޯޗުގަލްގެ ކެޕްޓަން ރެއާލް މެޑްރިޑުގެ ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

ބްރެޒިލްގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ރޮނާލްޑޯ ބުނީ އިތުރަށް ދެން ތިން ބެލޮންޑީއޯ ލިބިއްޖެނަމަ ވަރަށް އުފާވާނެ ކަމަށާއި، ނަމަވެސް އެ ފުރުސަތު ނުލިބުނަސް ދެރަނުވާނެ ކަމަށެވެ.

"އަހަރެން ގަބޫލު ކުރާ ގޮތުގައި އަހަރެންނަކީ އަބަދުވެސް ވަރަށް ހާއްސަމީހެއް. އަހަރެން ފަސް ފަހަރު ބެލޮންޑީއޯ އެވޯޑް ހޯދައިފިން. އިތުރަށް ހޯދަން ބޭނުން. އެކަމަކު އެ ފުރުސަތު ނުލިބުނަސް އަހަންނަށް މިހާރު ފުދޭނެ. އަހަރެން މަސައްކަތް ކުރާނަން. އެކަަމަކު ނުލިބުނަސް އަހަރެންގެ ކެރިއަރު އޮތީ ވަރަށް ބޮޑަށް ޖަރީވެފައި،" 33 އަހަރުގެ ކުޅުންތެރިޔާ ބުންޏެވެ.

މެންޗެސްޓަރ ޔުނައިޓެޑާއި ރެއާލް މެޑްރިޑުގައި ކާމިޔާބު ހޯދި ކުޅުންތެރިއަކީ ފަސް ފަހަރު ބެލޮންޑީއޯ ހޯދި ދެ ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިޔާއެވެ. އަނެއް ކުޅުންތެރިއަކީ ވާދަވެރި ބާސެލޯނާގެ ލަޔޮނަލް މެސީއެވެ.

ރޮނާލްޑޯ ބުނީ ސީޒަނުގެ ކުރީކޮޅު އޭނާ އާއި ރެއާލްގެ ފޯމު އެހާ ރަނގަޅު ނުވިނަމަވެސް ޓީމު މަޑުމަޑުން ފޯމަކަށް އެޅިފައިވާ ކަމަށެވެ. އަދި އެންމެ ފަހުން ނިމުނު 4 މެޗުގައި އޭނާއަށް 8 ގޯލު ޖެހުމުން ވަރަށް އުފާވި ކަމަށެވެ.

އެންމެ ފަހުގެ ޔޫރޯ ކާމިޔާބުކުރި ޕޯޗުގަލް ޓީމުގެ ކެޕްޓަން ބުނީ ކުރިއަށް އޮތް ވޯލްޑް ކަޕުގައި ޕޯޗުގަލްއަކީ ފެވަރިޓެއްނޫން ކަަމަށެވެ.

"އަހަރުމެން ޖެހޭނީ ވަރަށް ވިސްނުންތެރިކަމާއެކު ކުރިއަށްދާން. އަހަރުމެންނަކީ ފެވަރިޓުންނެއްނޫން. ފްރާންސް، ބްރެޒިލް، ޖާމަނީ އަދި އާޖެންޓީނާ އަކީ މޮޅު ޓީމުތަކެއް. އަހަރުމެން މަސައްކަތް ކުރާނީ އަހަރުމެންގެ ފެންވަރު އެނގިގެން ކުރިއަށްދާން. ވޯލްޑް ކަޕް ކާމިޔާބު ކުރުމަކީ ކޮންމެ ކުޅުންތެރިއަކު ވެސް ދެކޭނެ ހުވަފެނެއް،" ރޮނާލްޑޯ ބުންޏެވެ.