ޚަބަރު

އަންނަ ބުރާސްފަތިދުވަހު ޓްރީޓޮޕް ހޮސްޕިޓަލް ހުޅުވަނީ


ރާއްޖޭގައި ޤާއިމުކުރާ މަލްޓި ސްޕެޝަލިސްޓް ފުރަތަމަ ހޮސްޕިޓަލް ޓްރީޓޮޕް ހޮސްޕިޓަލް އަންނަ ބުރާސްފަތި ދުވަހު ހުޅުވަން ނިންމައިފިއެވެ.

ޓްރީޓޮޕް ހޮސްޕިޓަލްގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެހޮސްޕިޓަލްގެ އެއް ހިއްސާދާރު، ޗަމްޕާ ޙުސެއިން އަފީފް ވިދާޅުވީ، ޓްރީޓްޕް ހޮސްޕިޓަލް ތަރައްޤީކުރުމުގެ ހުރިހާ މަސައްކަތެއް މިހާރު ނިމި، އެ ހޮސްޕިޓަލް ބުރާސްފަތި ދުވަހު ހުޅުވާނެކަމަށެވެ.

މި ހޮސްޕިޓަލުން ދެކުނު އޭޝިޔާގެ ހޮސްޕިޓަލްތަކާ އެއްފެންވަރެއްގެ ޚިދުމަތްތަކެއް ދެވޭނެކަމަށް އެކުންފުނިން ބުނެއެވެ. ހުޅުމާލޭގައި އަލަށް ޢިމާރާތްކުރި ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގައި ޤާއިމުކުރެވޭ ފުރަތަމަ މަލްޓި ސްޕެޝަލިސްޓް ހޮސްޕިޓަލެވެ. މިއީ މިހާތަނަށް ރާއްޖޭގެ ޞިއްޙީ ދާއިރާއަށް އަމިއްލަ ކުންފުންޏަކުން ކުރި އެންމެ ބޮޑު އިންވެސްޓްމަންޓެވެ. އެގޮތުން މުޅި މި ޕްރޮޖެކްޓް ނިމުނުއިރު 110 މިލިއަނަށް ޑޮލަރު ޚަރަދު ވެފައިވާކަމަށް ޗަމްޕާ ޙުސެއިން އަފީފް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް މިފައިސާ އަދި ލިބޭނެ ދުވަހެއް ނޭންގޭ، އެކަމަކު އަޅުގަނޑުމެން ބޭނުންވީ ދިވެހިރައްޔިތުން ރާއްޖެއިން ބޭރަށްގޮސް ޑޮކްޓަރަށް ދެއްކުމަށް ކުރަންޖެހޭ މަސައްކަތް ހުއްޓުމަކަށް ގެންނަން. ދެން ރާއްޖެއިން ބޭރަށްގޮސް ބޮޑެތި ގޭގެ ކުއްޔަށް ހިފައިގެން ކުރަންޖެހޭ ޚަރަދުތައް ކުރާކަށް ނުޖެހޭނެ" ޙުސެއިން އަފީފް ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/15186060685581.JPG|ޓްރީޓޮޕް ހޮސްޕިޓަލް

ޓްރީޓޮޕް ހޮސްޕިޓަލް ހުޅުވިގެންދިޔައިރު ދުނިޔޭގެ 35 ޤައުމެއްގެ ޑޮކްޓަރުންނާއި، ނަރުހުން ޚިދުމަތް ދޭނެކަމަށާއި، ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު ޑޮކްޓަރުން މި ހޮސްޕިޓަލުން ޚިދުމަތް ދޭނެކަމަށް އަފީފް ވިދާޅުވިއެވެ. އަދި މި ހޮސްޕިޓަލްގެ ސަބަބުން މެޑިކަލް ޓޫރިޒަމަށް ރާއްޖެ ހުޅުވިގެންދާނެކަން ޔަޤީންކުރައްވާކަމަށް އަފީފް ވިދާޅުވިއެވެ.

"މެޑިކަލް ޓޫރިޒަމަށް މި ވާދަކުރަންޖެހެނީ މެލޭޝިއާ، ސިންގަޕޫރު އިންޑިއާކަހަލަ ޤައުމުތަކާ، އެޤައުމުތަކުގެ ހޮސްޕިޓަލްތަކުގެ ތެރެއިން މިހާރުންމިހާރަށް މި ހޮސްޕިޓަލް އެއްވަނަ ހޮސްޕިޓަލަކަށް ވާނެއެކޭ ނޫނޭ މި ބުނަނީކީ، އެންމެ ފުރަތަމަ ދިވެހިން މެޑިކަލް ކަންކަމަށް ކުރާ ދަތުރުތައް ކުރުން ހުއްޓުވާފަ، ދެން އެހެންޤައުމުތަކާ ވާދަކުރުމަށް ވިސްނުންހުރީ" އަފީފް ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓްރީޓޮޕް ހޮސްޕިޓަލްގެ ޗެއަރމަން އަދި ޑިރެކްޓަރ އަޙްމަދު ސަލީމް ވިދާޅުވީ އެ ހޮސްޕިޓަލް ޢިމާރާތް ކުރުމުގެ މަސައްކަތަކީ ވަރަށް ތަފާތު މަސައްކަތެއްކަމަށެވެ. އަދި ހޮސްޕިޓަލް ޑިޒައިންކޮށްފައިވާނީ ޚިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހަވާނެ ގޮތަށްކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެހޮސްޕިޓަލްގެ ޚިދުމަތް ބައްޓަންކުރާނީ ގިނަވަގުތު ކިއޫގައި މަޑުނުކޮށް ޚިދުމަތް ލިބޭގޮތަށްކަމަށް ސަލީމް ވިދާޅުވިއެވެ.

"70 ޕަރސެންޓް ޚިދުމަތްތައް ހޮސްޕިޓަލް ހުޅުވިގެންދާއިރު ލިބިގެންދާނެ. ޖޫންމަހުގެ ނިޔަލަށް ހުރިހާ ޚިދުމަތްތައް ލިބިގެންދާނެ." ސަލީމް ވިދާޅުވިއެވެ.

img:http://s1.psmnews.mv/images/660x400/15197167807090.JPG|

ޓްރީޓޮޕް ހޮސްޕިޓަލްގެ ހެޑް އޮފް މެޑިކަލް ސަރވިސަސް ވިދާޅުވީ، ޓްރީޓޮޕް ހޮސްޕިޓަލުން ރާއްޖޭގެ ރައްޔިތުންނަށް މީގެ ކުރިން ރާއްޖޭގައި ނުލިބޭ ފެންވަރުގެ ޚިދުމަތްތައް އެ ހޮސްޕިޓަލުން ދޭނެކަމަށެވެ. އަދި ޓްރީޓޮޕް ހޮސްޕިޓަލްގެ ޚިދުމަތަކީ ދިވެހިންނަށް ކުރެވޭނެ ވަރަށް ޚާއްޞަ ތަޖުރިބާއަކަށް ވާނެކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެންމެ ފުރަތަމަ އިސްކަންދޭ ކަމަކީ ބަލިމީހުން. މިތަނުން އެންމެ އާދައިގެ ސިއްޙީ ޚިދުމަތްތަކުން ފެށިގެން ކެންސަރު ބައްޔަށްވެސް ފަރުވާ ލިބޭނެ. މިއީ ހަމަ ހަޤީޤަތުގާވެސް ދިވެހިރާއްޖޭގެ ސިއްޙީ ޚިދުމަތަށް އަންނަ ބޮޑު އިންޤިލާބެއް" – ޓްރީޓޮޕް ހޮސްޕިޓަލްގެ ހެޑް އޮފް މެޑިކަލް ސަރވިސަސް ވިދާޅުވިއެވެ.

ޓްރީޓޮޕް ހޮސްޕިޓަލްގެ ސީއީއޯ ގްރާންޓް މަޑަލް ވިދާޅުވީ، އެންމެ މަތީ ފެންވަރުގެ ސިއްޙީ ޚިދުމަތްތައް ޓްރީޓޮޕް ހޮސްޕިޓަލުން ލިބޭނެކަމަށް ބުނާ ވާހަކައަކީ ހަމައެކަނި ދައްކާ ވާހަކަތަކެއް ނޫންކަމަށާއި، ހޮސްޕިޓަލްގެ ޚިދުމަތްތައް ތަޖުރިބާކޮށްލުމުން އެކަން ކަށަވަރު ވާނެކަމަށެވެ. އަދި ދުނިޔޭގެ ފެންވަރުގެ ޚިދުމަތްލިބޭ ހޮސްޕިޓަލެއް ރާއްޖޭގެ ހުޅުވިގެން ދިއުމަކީ ދިވެހިންނަށް ލިބޭ ބޮޑު ކުރިއެރުމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓްރީޓޮޕް ހޮސްޕިޓަލް ހިންގުމުގެ އިސް ދައުރެއް އަދާކުރާ ޑރ. ޖޭކޮބް ވިދާޅުވީ، ދުނިޔޭގެ އެކި ޤައުމުތަކުން ގިނަ ޢަދަދެއްގެ ހޮސްޕިޓަލްތަކުގައި މަސައްކަތް ކޮށްފައިވާކަމަށާއި، ނަމަވެސް ޓްރީޓޮޕް ހޮސްޕިޓަލްގެ ޚިދުމަތްތަކަށް ބަލާލާއިރު، މި ހޮސްޕިޓަލް ދުނިޔޭގެ ބޮޑެތި ހޮސްޕިޓަލްތައްވެސް ފަހަތައް ޖައްސާލާނެ ކަމަށް ޤަބޫލުކުރާކަމަށެވެ. ބަލިމީހުންނަށް އެންމެ މަތީ ފެންވަރުގެ ފަރުވާއާއި، ޚިދުމަތްތައް ފޯރުކޮށްދިނުމަށް ޓްރީޓޮޕް އިންވެސްޓްމެންޓުން އެއްވެސް މިންވަރެއް ދޫކޮށްލާފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ހޮސްޕިޓަލްގެ ސަބަބުން ދުނިޔޭގެ ޗާޓްގައި ސިއްޙީ ޚިދުމަތުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ ވިދާލާނެކަމަށް ޤަބޫލުކުރާކަމަށް ޑރ. ޗޭކޮބް ވިދާޅުވިއެވެ.

ޓްރީޓޮޕް ހޮސްޕިޓަލަކީ 170 އެނދުގެ ހޮސްޕިޓަލެކެވެ. އެހޮސްޕިޓަލް ޢިމާރާތްކޮށްފައިވަނީ ތުރުކީވިލާތުގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ، ޓާރމެކްސްއާ ޙަވާލުކޮށްގެންނެވެ. އަދި ހޮސްޕިޓަލު އޮޕަރޭޓްކޮށް ހިންގުމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ މެލޭޝިއާ އަދި އޮސްޓްރޭލިއާގައި ޞިއްޙީ ޚިދުމަތް ދިނުމުގައި ޙަރަކާތްތެރިވަމުން އަންނަ ކުންފުންޏެއް ކަމަށްވާ ރެމްސޭ ސިމް ޑާރބީއާއެވެ.

img:http://s4.psmnews.mv/images/660x400/15197171478186.JPG|

ޓްރީ ޓޮޕް ހޮސްޕިޓަލުން ދޭނެ ބައެއް މުހިއްމު ޚިދުމަތްތަކަށް ބަލާއިރު، ސްޕެޝަލިސްޓުންގެ ޚިދުމަތް، އިމޭޖިން ސެންޓަރގެ ޚިދުމަތް، ޑަޔަލިސިސް ސެންޓަރގެ ޚިދުމަތް އަދި ލެބޯރަޓޮރީގެ ޚިދުމަތް ހިމެނެއެވެ. އަދި ސުޕަރ ސްޕޭޝަލިޓީ ޚިދުމަތްތަކުގެ ގޮތުގައި ހިތުގެ ބަލީގެ އެކި ކަހަލަ އޮޕަރޭޝަންތައް ކުރުމާއި، ކެންސަރު ބަލީގެ މީހުންނަށް ކީމޯތެރެޕީގެ ފަރުވާދިނުން ހިމެނެއެވެ. ޓްރީ ޓޮޕް ހޮސްޕިޓަލް ހުޅުވާއިރު 315 ސްޓާފުން ތިބިނަމަވެސް، ހޮސްޕިޓަލްގެ ހުރިހާ އޮޕަރޭޝަންތަކެއް ފުރިހަމަވެގެންދާއިރު ގާތްގަނޑަކަށް 700 އަށްވުރެ ގިނަ ވަޒީފާގެ ފުރުޞަތު ފަހިވެގެންދާނެކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެއެވެ.

ޓްރީޓޮޕް ހޮސްޕިޓަލްގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2015 ވަނަ އަހަރުގެ ޖޫންމަހުގެ ތެރޭގައެވެ. އަދި އެހޮސްޕިޓަލްގެ ބިންގާ އަޅާފައިވަނީ 6 އޮގަސްޓް 2015 ގައެވެ. ޓްރީޓޮޕް ހޮސްޕިޓަލަކީ ކާސާ ހޯލްޑިންގްސްސާއި، ޗަމްޕާ ބްރަދާސްއާއި، ކްރައުން ކޮންޕެނީއާއި، ކުރެއްދޫ ހޯލްޑިންސްގެ ހިއްސާ އޮންނަ ޓްރީޓޮޕް އިންވެސްޓްމެންޓްގެ ހޮސްޕިޓަލެކެވެ.