ކުޅިވަރު

ޓީމްތައް ހަމަހަމަ، ކިރިޔާވެސް ތަފާތީ ނޫ ޓީމް - ނަޒީހު


ލީގުގައި ވާދަކުރަނީ ވަރަށް ހަމަހަމަ ޓީމްތަކެއް ކަމަށާއި ތަފާތަކަމަށް ދައްކަނީ ގައުމީ ޓީމްގެ ކުޅުންތެރިން ގިނަ ނޫ ޓީމް ކަމަށް ޔުނައިޓެޑް ވިކްޓްރީ ކޯޗް މުހަންމަދު ނަޒީހު ބުނެފިއެވެ. 

އެސްޓީއޯ މާލޭ ލީގުގައި 3-0 ން ކްލަބް ވެލެންސިޔާގެ މައްޗަށް ކުރި ހޯދުމަށްފަހު ނަޒީހު ބުނީ ކުޅުންތެރިން ކުރި މަސައްކަތަށް ޝުކުރު ހައްޤުކަމަށާއި މެޗުގައި ޔޫވީ މޮޅުވީ ހުރިހާ ގޮތަކުންވެސް މޮޅު ޓީމަކާ ވާދަކޮށްގެންކަމަށެވެ. ކުޅުންތެރިން ކުރި މަސައްކަތް ފާހަގަކުރަމުން މެޗުގައި ވެލެންސިޔާއިން ފޮނުވާލި ޕެނެލްޓީ މަތަ ކުރި ކީޕަރު ތޮލާލް ހަސަން އަށް ޔޫވީގެ ކޯޗު ނަޒީހު ވަނީ ވަރަށް ބޮޑަށް ތައުރީފްކޮއްފައެވެ. 

ނަޒީހު ބުނީ ރާއްޖޭގެ ލެވެލްގައި ހުރިހާ ޓީމެއްގެ ކުޅުން ފެނިއްޖެ ކަމަށާއި، އޭނާގެ ޓީމަށް ވުރެ ވަކިތަފާތު ކުޅުމެއްދެކި ޓީމްތަކެއް ނެތްކަމަށެވެ. އޭނާ ބުނީ ފެނިގެންދިޔައީ ވަކި ކުޑަޓީމެއް ބޮޑުޓީމެއްގެ ތަފާތު ނެތްތަން ކަމަށާއި، މޮޅު ކުޅުންތެރިންގެ ވާހަކަތައް ލިޔެފަ އޮންނަނީ ހަމައެކަނި ކަރުދާހުގައި ކަމަށެވެ. ހުރިހާވެސް ކަމަކީ ދަނޑުމަތީގެ ކުޅުންތެރިން ކުރާހިތްވަރާ މަސައްކަތް ކަމަށް ޔޫވީ ކޯޗު ނަޒީހު ފާހަގަކުރިއެވެ.

" ރާއްޖޭގެ ލެވްލްގައި ހުރިހާ ޓީމެއްގެ ކުޅުން ފެނިއްޖެ. ވަކި ޔޫވީއަށް ވުރެ ތަފާތު ބޮޑު މޮޅު ކުޅުމެއް ދެއްކި ޓީމެއް ނުފެނުނު، ކިރިޔާވެސް ހަމަ ތަފާތީ ޤައުމީ ޓީމްގެ ތަންކޮޅެއް ގިނަ ކުޅުންތެރިން މިއުޅޭ ނޫޓީމް." ޤައުމީ ޓީމްގެ ކުރީގެ މިޑްފީލްޑަރ ބުންޏެވެ. 

މެޗަށްފަހު ވާހަކަދައްކަމުން ވެލެންސިޔާގެ ކޯޗު ސޮބާހު މުހަންމަދު ބުނީ އޭނާގެ ޓީމުން ރަނގަޅު ކުރަންޖެހޭ ބައިވަރު ކަންތައްތައް ފާހަގަވިކަމަށާއި، އެންމެ ބޮޑު މައްސަލައަކީ ކުޅުންތެރިންގެ ފިޓްނަސް ދައްވުންކަމަށެވެ.

"އަޅުގަނޑު ކުރިން ވެސް ބުނި ގޮތަށް އަދި އެންމެ ރަނގަޅަށް ތައްޔާރެއް ނުވެވޭ. އެކަމަކު ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށް މިއަށް ވުރެ ރަނގަޅަށް ކުޅެވެން ޖެހޭނެ. މިރޭ ފެނުނީ ކުޅުންތެރިން، އެއް ކުޅުންތެރިޔަކާ އޮންނަން ޖެހޭ އަންޑަސްޓޭންޑިންގ ނެތުމާއި ފިޓްނަސްގެ މައްސަލަތައް" މިދިޔަ އަހަރު ގްރީންއަށް އިރުޝާދުދިން ކޯޗު ޞޮބާ ބުންޏެވެ.

ރޭގެ މެޗުގައި ޔުނައިޓެޑް ވިކްޓްރީގެ ތިން ލަނޑުވެސް ޖެހީ ދެވަނަ ހާފްގައެވެ. ފުރަތަމަ ދެ ގޯލް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމްވެސް ހޯދި ބިދޭސީ ފޯވާޑް ސެމިއުލް ކޯޑެލްއެވެ. ތިންވަނަ ލަނޑު ޖެހީ އަލީ ހައިޝަމްއެވެ.

ރޭގެ މޮޅަށްފަހު ލީގުގައި ޔުނައިޓެޑް ވިކްޓްރީ މި ހަފްތާ ބަންދުގައި ނިކުންނާނީ ވިކްޓްރީއާ ދެކޮޅަށެވެ. ރޭގެ މެޗުން ބަލިވި ވެލެންސިޔާ ނުކުންނާނީ މާޒިޔާ ދެކޮޅަށެވެ.