ކުޅިވަރު

އެމްބީއޭ ޗެމްޕިއަންޝިޕް ފައިނަލްގައި ކިންގްސްއާއި ޓީރެކްސް


26ވަނަ އެމްބީއޭ ޗެމްޕިއަންޝިޕްގެ ފައިނަލުން ކިންގްސް ބާސްކެޓްބޯޅަ ކުލަބާއި ޓީރެކްސް ޖާގަ ހޯދައިފިއެވެ. 

ކިންގްސް ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލް ފުރަތަމަ މެޗުގައި ސްޓިންޖާސް ބާސްކެޓްބޯޅަ ކުލަބު ބަލިކޮށްގެންނެވެ. މެޗު ކިންގްސް ކާމިޔާބުކުރީ 110 ޕޮއިންޓް 80 ޕޮއިންޓުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ ކިންގްސް ބީސީގެ ރިފްޝާން ރަޝީދެވެ. މެޗަށްފަހު ކިންގްސް ބީސީގެ ކޯޗު ސެންސޮން ބުނީ މެޗަކަށްފަހު މެޗެއް ޓީމުގެ ކުޅުން އަންނަނީ ރަނގަޅުވަމުންކަމަށާއި، ސެމީ ފައިނަލުގައިވެސް ދެއްކި ކުޅުން ރަނގަޅުކަމަށެވެ. ކޮންމެ މެޗެއްގައިވެސް ޓީމްގެ މިސްޓޭކްތައް ފާހަގަކުރަމުން އަންނަކަމަށާއި، ފައިނަލާއި ކުރިމަތިލާނީ ގިނަ ކަންތައްތަކެއް ރަނގަޅުކޮށް ތަށި އުފުލާލުމުގެ އަޒުމުގައިކަމަށް ކޯޗު ބުންޏެވެ.

" މެޗެކަށްވުރެ މެޗެއްގައި ރަނގަޅުވަމުން އަންނަނީ. އެކަމަކު ކާމިޔާބީއަކަށްވާނީ ފައިނަލްގައި މޮޅުވެ، ތަށި އުފުލާލުން" ކޯޗު ބުންޏެވެ.

 ސެމީ ފައިނަލުން ބަލިވި ސްޓީންޖާސް ބީސީގެ ކޯޗު މުހައްމަދު ނަސީރު ބުނީ އެޓީމަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ކެޕްޓަން ޝައުފް އާއިލީކަމެއްގައި ރަށުން ބޭރަށްދާން ޖެހުންކަމަށާއި، އޭނާ ނެތްތަން ވަރަށް ބޮޑަށް ދެއްކިކަމަށެވެ. މެޗުގައި ޓީމުން ރަނގަޅަށް ކުޅުނު ވަގުތުތައްވެސް ދިޔަކަމަށާއި، އެކަމަކު މިއަށްވުރެ ރަނގަޅު ކުޅުމެއް ޓީމަށް ދެއްކޭނެކަމަށްވެސް ކޯޗު ފާހަގަކުރިއެވެ. އޭނާ ބުނީ މުބާރާތުގައި ޓީމްގެ އަމާޒު ހާސިލްވެއްޖެކަމަށާއި، މިހާރު އަމާޒަކީ ޤައުމީ މުބާރާތަށް ޓީމް ތައްޔާރުކުރުންކަމަށެވެ.

ޤައުމީ ބާސްކެޓްބޯޅަ ޓީމުގެވެސް މުހިއްމު ގިނަ ކުޅުންތެރިންތަކެއް ކުޅެމުން އަންނަ ޓީރެކްސް ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ރޭ ރެޕްޓާރސް ބީސީ އާއި ވާދަކުރި މެޗު 114 ޕޮއިންޓް، 64 ޕޮއިންޓުން ކާމިޔާބުކޮށްގެންނެވެ. މި މެޗުގެ ހަތަރު ކުއާޓާރގައިވެސް ތަފާތު ބޮޑު ލީޑެއް ނަގައިގެން ކުޅުނީ ޓީރެކްސް ބާސްކެޓްބޯޅަ ކްލަބުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ ޓީރެކްސްއަށް 21 ޕޮއިންޓް ހޯދާއިދިން ޒަކަރިއްޔާ އަބްދުލް ލަތީފްއެވެ. 

މެޗަށް ފަހު ވާހަކަ ދައްކަމުން ޓީރެކްސްގެ ކޯޗް އިލްޔާސް އިބްރާހިމް ބުނީ، މުބާރާތުގެ ފައިނަލަށް ދިއުމަށްޓަކައި މާބޮޑު މަސައްކަތެއް ކުރަން ނުޖެހުނުކަމަށާއި، ސަބަބަކީ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި މާ އުނދަގޫ މެޗުތަކެއް ކުޅެން ނުޖެހުންކަމަށެވެ. އަދި އިދިކޮޅު ޓީމަށް ރަނގަޅު ފައިޓެއް ދެވޭ ވަރުގެ މެޗަކަށް ވެގެން ދިޔައީ ރޭ ކުޅުނު ސެމީ ފައިނަލުގެ މެޗު ކަމަށެވެ. އިލްޔާސް ބުނީ ފައިނަލުގައި ކިންގްސް އާއި ދެކޮޅަށް ނިކުންނާނީ އެޓީމަށް ފުރިހަމަ އިހުތިރާމް ދީގެން ކަމަށާއި، އެޓީމުގެ ސްކޮޑް ކިތަންމެ ވަރުގަދަޔަސް ޓީރެކްސްގައި މިހާރު މި އޮތް ސްކޮޑަށް އެޓީމު ބަލިކުރެވޭނެ ކަމުގެ އުއްމީދު އެބައޮތްކަމަށެވެ.

"ފައިނަލަށް ދިއުމަށް މާބޮޑު މަސައްކަތެއް ކުރާކަށް ނުޖެހުން. އެއީ ގްރޫޕް ސްޓޭޖުގައި މާ އުނދަގޫ މެޗުތަކެއް ކުޅެން ނުޖެހުން. ކިރިޔާވެސް ޓަފް މެޗެއް މި ކުޅުނީ މިރޭ ރެޕްޓާރސް އާއި ދެކޮޅަށް. ފައިނަލުގައި ކިންގްސް އާއި ދެކޮޅަށް ނިކުންނާނީ އެޓީމަށް ފުރިހަމަ އިހުތިރާމް ދީގެން. އެކަމުވެސް ޓީރެކްސް އަކީ އަޅުގަނޑުމެންގެ ޓީމަށް ބަލިނުކުރެވޭނެ ވަރުގެ ޓީމެއް ނޫން. ތަށި ހޯދުމުގެ އުއްމީދުގައި އަޅުގަޑުމެންވެސް ނިކުންނާނީ" އިލްޔާސް ބުންޏެވެ.

ރޭގެ މެޗުން ބަލިވި ރެޕްޓާރސް ބާސްކެޓްބޯޅަ ކްލަބުގެ މެނޭޖަރ މުހައްމަދު އިމްތިނާން ބުނީ، ޒުވާން ޓީމެއް ނުކުމެ ޓީރެކްސްއާއި ދެކޮޅަށް ދެއްކި ކުޅުމާއި ދޭތެރޭ ހިތްހަމަ ޖެހޭކަމަށާއި، އަމާޒަކީ ދެން ކުރިޔަށް އޮތް ފުރަތަމަ ޑިވިޝަން ބާސްކެޓްބޯޅަ މުބާރަތަށް ރާއްޖެއިން ބޭރުން ކުޅުންތެރިން ގެނެސް ޓީމު ވަރުގަދަ ކުރުން ކަމަށެވެ.

އެމްބީއޭ ޗެންޕިއަންޝިޕްގެ ފިރިހެން ޑިވިޝަންގެ ފައިނަލުގައި ކިންގްސް އާއި ޓީރެކްސް ވާދަކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރެއެވެ. ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓްގައި މެޗު ފަށާނީ 9 ޖަހާއިރުއެވެ.