ވިޔަފާރި

ޖެނުއަރީގެ ގްރީންޓެކުހާއި ޖީއެސްޓީ ދެއްކުމުގެ ސުންގަޑި ހަމަވަނީ


މިހަފްތާގެ ބުދަ ދުވަހަކީ މުހިންމު ދެ ޓެކުހެއްގެ ސުންގަޑި ހަމަވާ ދުވަހެއްކަމުން އެކަމަށް ސަމާލުވުމަށް ދައުލަތުގެ ޓެކްސް އިދާރާއިން އިލްތިމާސްކޮށްފިއެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ވެބްސައިޓްގައިވާގޮތުން ފެބުރުވަރީ މަހުގެ 28 ވާ ބުދަދުވަހަކީ، ހުސްވި ޖެނުއަރީމަހުގެ ޖީއެސްޓީ ބަޔާނާއި ފައިސާ ދެއްކުމުގެ އެންމެ ފަހުދުވަހެވެ. އަދި މި ދުވަހަކީ ޖެނުއަރީމަހުގެ ގްރީން ޓެކްސް ބަޔާނާއި ފައިސާ ދެއްކުމުގެވެސް އެންމެ ފަހު ދުވަހެވެ.

މީރާއިން ވަނީ ޓެކްސް ދައްކާ ފަރާތްތަކަށް ފަސޭހަކުރުމުގެ ގޮތުން އޮންލައިން މެދުވެރިކޮށްވެސް ޓެކްސް ދެއްކޭނޭ އިންތިޒާމްތައް ހަމަޖައްސައިދީފައެވެ. އަދި އަތޮޅުތަކުގައި ޤާއިމްކޮށްފައިވާ މީރާގެ ޞަރަޙައްދީ އޮފީސްތައް މެދުވެރިކޮށްވެސް އެ ޞަރަޙައްދެއްގައި ޙަރަކާތްތެރިވާ ވިޔަފާރިތަކަށް ފަސޭހަކަމާއިއެކު ޓެކްސް ދެއްކުމުގެ އިންތިޒާމް މިހާރު ހަމަޖެހިފައި ހުންނާނޭކަމަށް މީރާއިން ބުނެއެވެ.