ޚަބަރު

ހަވީރު ނޫހަށް 35 އަހަރު ފުރުން ފާހަގަ ކޮށްފި





 


ސަރުކާރު ހިނގާގޮތް ބަޔާން ކުރުމުން ނުވަތަ ސަރުކާރު ހިނގާ ގޮތުގެ މައްޗަށް ލިޔާ ޚަބަރެއްގެ ސަބަބުން އެއްވެސް ފަރާތަކަށް ބިރުދެއްކުމުގެ އަމަލެއް، ސަރުކާރުން ނުހިންގަވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙައްމަދު ޖަމީލު އަޙްމަދު ދެއްވައިފިއެވެ.


 
 
އެފަދަ ބިރުދެއްކުމުގެ އެއްވެސް ކަމެއް ނުހިންގުމަށް ކުރެވެން އޮތް ކޮންމެ ކަމެއް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.


 
ހަވީރު ނޫހަށް ތިރީސް ފަސްއަހަރު ފުރުމުގެ މުނާސަތުގައި ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަ ވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ މި ސަރުކާރަކީ މިނިވަން ނޫސްވެރިކަމާއި، ނޫސްވެރިންގެ ހައްގުތައް ހިމާޔަތްކުމަށް ޓަކައި، ނޫސްވެރިންގެ ޚިޔާލާއި އެއްގޮތަށް މަސައްކަތް ކުރާނެ ސަރުކާރެއް ކަމަށެވެ. އަދި ނޫސްވެރިންގެ ޚިޔާލްތައް އެއްފަރާތް ކުރުމަށްފަހު އެޚިޔާލްތައް ފާޅުކުރާ ނޫސްވެރިންނަށް އެކަމުގެ އަދަބު ދޭނެ ސަރުކާރަކަށް މިސަރުކާރު ނުވާނެ ކަމުގެ ޔަޤީންކަންވެސް ދެއްވާ ކަމަށްވިދާޅުވިއެވެ.


 
 
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ސަރުކާރުގެ އަބަދުވެސް އަމާޒަކަށްވާނީ  ނޫސްވެރި ކަމުގެ މާހައުލަކީ ޑިމޮކްރަސީގެ އަމާޒުގެ ތެރެއިން ހިނގާ އަދި ކުރިއައްދާ ނޫސްވެރިކަމެއްކަން ކަށަވަރު ކުރުމަށް އެހީތެރިވުން ކަމަށް ވިދާޅުވިއެވެ.


 
 
ނޫސްވެރިކަމުގެ ތެރެއިން ސަރުކާރުގެ ޕްރޮގްރާމްތައް ރައްޔިތުންނަށް އެނގިގެން ދިއުމަކީ ނޫސްވެރިންގެ ފަރާތުން ރައްޔިތުންނަށް ކޮށްދެވޭނެ އެންމެ ބޮޑު އެހީތެރިކަން ކަމަށާއި، އެއީ ސަރުކާރުގެ އުއްމީދު ކަމަށްވެސް ވިދާޅުވިއެވެ.


 
ޚަބަރު ފެތުރުމަކީ ގައުމެއްގެ އެތަކެއް ރައްޔިތުންނެއް މައުލޫމާތަށް އެންމެ ބޭނުންވެފައިވާ ވަގުތެއްގައި އެމަޢުލޫމާތެއް ފޯރުކޮށްދޭ ވަރަށް އަގުބޮޑު ބައެއްކަން ފާހަގަ ކުރައްވަމުން އެމަނިކުފާނު ވިދާޅުވީ،  ނޫސްވެރިކަން އަމިއްލަ ޒާތީ މަންފާއާއި މަސްލަހަތު ހިމާޔަތް ކުރުމަށް ކުރާ ކަމެއްގެ ގޮތުގައި ނުހެދުމަށާއި، ނޫސްވެރި ކަމަކީ މަޖަލަކަށް ނުވަތަ މުނިފޫހި ފިލުވުމުގެ ގޮތުން ކުރާ ކަމެއްގެ ގޮތުގައި ނުހެދުމަށް ޑޮކްޓާރ ޖަމީލް ވިދާޅުވިއެވެ.


 
ނޫސްވެރިން ނަކީ ރައްޔިތުންނަށް ހަގީގަތް ހާމަކޮށްދިނުމުގެ ބަދަލުގައި، ހަގީގަތް އޮޅޭފަދަ ގޮތަކަށް ނޫސްވެރިކަން ކުރާ ބަޔަކަށް ވެއްޖެ ނަމަ ނޫސްވެރިކަމާ ދޭތެރޭގައި ރައްޔިތުން ކުރާ އިތުބާރު ގެއްލިގެންދާނެ ކަމެއްކަމަށްވެސް ޑޮކްޓާރ ޖަމީލްވިދާޅުވިއެވެ.


 
 


ރޭގެ ރަސްމިއްޔާތުގައި ހަވީރު ނޫހުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރި ފަރާތް ތަކަށް ވަނީ ހަނދާނީ ފިލާ ދެއްވާފައެވެ.