ކުޅިވަރު

ވެލެންސިޔާގެ ކެޕްޓަނަކަށް ކުޑައްޓޭ


ކްލަބް ވެލެންސިއާގެ ކެޕްޓަނަކަށް ތަޖުރިބާކާރު ޑިފެންޑަރ މުހައްމަދު ޝިފާން (ކުޑައްޓޭ) އަދި ވައިސް ކެޕްޓަނުންނަށް ޔޫސުފް ރަމީޒުއާއި އަލީ އިމްރާން ހަމަޖައްސައިފިއެވެ. 

މީގެ ކުރިން ޤައުމީ ފުޓްބޯޅަ ޓީމުގެ ޑިފެންސްލައިން ބެލެހެއްޓުމުގައި މުހިއްމު ދައުރެއް އަދާކުރި ކުޑައްޓޭ، ވެލެންސިއާގެ ކެޕްޓަނަކަށް ހަމަޖެއްސިކަން އިއުލާން ކުރީ ރޭ ހޭންގްއައުޓް ރެސްޓޯރަންޓްގައި ބޭއްވި ވެލެންސިއާ ނައިޓްގައެވެ. ކުޑައްޓޭއަކީ ވެލެންސިޔާގައި މިހާރު ހުރި އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާއެވެ. މިދިޔަ ސީޒަންގައިވެސް އޭނާ ކުޅުނީ ވެލެންސިޔާއަށް. ނިއުރޭޑިއަންޓުން ފާހަގަވި ކުޅުންތެރިޔާ ވަނީ ވިކްޓްރީއަށްވެސް ކުޅެފައެވެ. ނިއުއާ ވިކްޓްރީ އަދި ޤައުމީ ޓީމްގައި ކުޑައްޓޭ ވަނީ މިހާރު އޭނާގެ ކޯޗު ޞޮބާހު މުޙައްމަދާއެކު ކުޅެފައެވެ.

އިއްޔެ ފެށި މިއަހަރުގެ ފުޓްބޯޅަ ސީޒަންގައި ވެލެންސިޔާ ކުޅޭ ފުރަތަމަ މެޗުގައި މިރޭ ވާދަކުރާނީ ޔުނައިޓެޑް ވިކްޓްރީއާއެވެ. މި އަހަރުގެ ފުޓްބޯޅަ ސީޒަނަން ވެލެންސިއާ ވަރުގަދަ ކުރުމަށްޓަކައި ޖަޕާނުގެ ކީޕަރު ޖުން ކޮޗީއާއި، އިތުރު ބިދޭސީ ކުޅުންތެރިންތަކެއްވެސް ވަނީ ގެންގޮސްފައެވެ. އެގޮތުން ވެލެންސިއާ އާއި ގުޅިފައިވަނީ ފޯވާޑަކާއި މިޑްފިލްޑަރަކާއި ޑިފެންޑަރެކެވެ. 

ޖުން ކޮޗީއަކީ 2016 ވަނަ އަހަރު ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ކުޅެ، މިދިޔަ ސީޒަންގައި ކްލަބު ގްރީން ސްޓްރީޓްސްގެ ގޯލުވެސް ބެލެހެއްޓި ކީޕަރެވެ. އޭނާ ގްރީންއަށް ކުޅުނީ މިހާރު ވެލެންސިއާގެ ކޯޗު ސޮބާހް މުހައްމަދު (ސޮބާ) ގެ އިރުޝާދުގެ ދަށުންނެވެ.