ޚަބަރު

އެއަރޕޯޓު ބަންދުކުރީ ޝެޑިއުލްއާ އެއްގޮތަށް މަރާމާތު ކުރުމަށް


ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓް ބަނދުކުރީ ކުރިންވެސް ޝެޑިއުލް ކޮށްފައިވާ ގޮތަށް ރަންވޭގެ މަސައްކަތްކުރުމަށް ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލް އިން ބުނެފިއެވެ. ކުއްލި ގޮތަކަށް އެއަރޕޯޓް ބަންދުކޮށް ފްލައިޓްތައް ކެންސަލް ކޮށްފައިވާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް އެސްއޭސީއެލްއިން ވަނީ ދޮގުކޮށްފައެވެ. އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ ޢާދިލް މޫސާ ވިދާޅުވީ މިރޭ ޖައްސަން އޮތް ސްރީލަންކަން އެއަރލައިންގެ ފްލައިޓެއް ކެންސަލް ކުރަންޖެހުނީ އެކޮޅުން އަންނަން އޮތް ފްލައިޓް މާބޮޑަށް ލަސްވުމުގެ ސަބަބުންކަމަށެވެ. އަދި ފްލައިޓް ޑިލޭވުމުގެ ސަބަބުން ރަންވޭގެ މަރާތަށް ރަންވޭ ބަންދުކުރާ ގަޑިއާ ދިމާވެ ކެންސަލް ކުރަންޖެހުނީކަމަށެވެ.

އެއަރޕޯޓުގެ ރަންވޭގެ މަސައްކަތް ކުރުމަށް 2016 ވަނަ އަހަރުން ފެށިގެން ކޮންމެ ރެޔަކު ދަންވަރު 12 އިން ހެނދުނު 6 ކަށް އެއަރޕޯޓް ބަންދުކުރެއެވެ. އެމްއޭސީއެލްއިން ބުނީ ރަންވޭގެ މަސައްކަތާއި މިހާރު ކުރިއަށްދާ ބޮޑެތި މަޝްރޫޢުތަކުގެ ބައެއް މަސައްކަތަކީ ދުވާލު ނުކުރެވޭ މަސައްކަތް ކަމަށެވެ. އެގޮތުން 2016 ވަނަ އަހަރުން ފެށިގެން ދަންވަރު ރަންވޭ ބަންދުކޮށް ކޮންޓްރެކްޓަރ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި މިރޭވެސް މަސައްކަތް ކުރުމަށް ކޮންޓްރެކްޓަރ ތައްޔާރުވެ މަސައްކަތް ކުރަމުންދާތީ، ސްރީލަންކަން އެއަރލައިންގެ ފްލައިޓް މާބޮޑަށް ލަސްވުމުގެ ސަބަބުން ކެންސަލް ކުރަންޖެހުނީކަމަށެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީ ކުރުމުގެ މުހިއްމު ބޮޑެތި މަޝްރޫޢުތައް ދަނީ ކުރަމުންނެެވެ. އެގޮތުން އައު ރަންވޭގެ މަސައްކަތާއި މިހާރުގެ ރަންވޭ މަރާމާތު ކުރުމާއި އައު ޓާމިނަލްގެ މަސައްކަތް މެދު ނުކެނޑި ދަނީ ކުރަމުންނެވެ. އެގޮތުން މިމަސައްކަތް ކުރުމަށް ދަންވަރު ރަންވޭ ބަންދުކުރާކަން އެއަރލައިން ތަކަށް އެނގޭނެ ކަމަށް އެމްއޭސީއެލްއިން ބުނެއެވެ.