ޚަބަރު

ކެއްކުމުގެ މުބާރާތަކުން ރާއްޖެއަށް ފަޚުރުވެރި ވަނަތަކެއް


ދުނިޔޭގެ އެންމެ ބޮޑު ކަލިނަރީ މުބާރާތުން ގޯލްޑް މެޑަލް އަކާއި ބްރޮންޒް މެޑަލްއެއް ދިވެހި ޝެފުންނަށް ލިބިއްޖެއެވެ.

ދުބާއީގައި ބޭއްވި "ދަ އެމިރޭޓްސް ކަލިނަރީ ގިލްޑް އިންޓަރނޭޝަނަލް ސެލޮން ކުލިނައަރ" މުބާރާތުގައި ދިވެހި 3 ޝެފުން ވަނީ ބައިވެރިވެފައެވެ. އެއީ ބަރޮސް އައިލެންޑް ރިސޯޓްގައި މަސައްކަތްކުރާ ޝެފެއްކަމަށްވާ އިބްރާހީމް ނާތިފް އާއި، ހުޅުލޭ އައިލެންޑް ހޮޓެލްގައި މަސައްކަތްކުރާ ޝެފް އިބްރާހިމް ނައީމް އަދި ފެރަޑައިސް އައިލެންޑް ރިސޯޓްގެ ޔޫސުފް ނަސީމްއެވެ. މި މުބާރާތުން ދިވެހި ޝެފުން ހޯދި ކާމިޔާބީތަކަށް ބަލާއިރު އިބްރާހީމް ނާތިފް ވަނީ ހޮޓް ކުކިންގ ބީފް އަދި ހޮޓް ކުކިންގ ސީފުޑްއިން ގޯލްޑް މެޑަލް ހާސިލްކޮށްފައެވެ. އިބްރާހިމް ނައީމް ހޮޓް ކުކިން ސީފުޑްއިން ބުރޮންޒް މެޑަލް ހޯދިއިރު ޔޫސުފް ނަސީމްވަނީ ހޮޓް ކުކިންގ އެންޑް ޗިކަން އިން މެރިޓް ހޯދާފައެވެ.

މި މުބާރާތަކީ ވަކިވަކި ޝެފުން ވާދަކުރާ ދުނިޔޭގެ އެންމެ ބޮޑު ކަލިނަރީ މުބާރާތެވެ. މިއީ ދިވެހިރާއްޖެއިން މި މުބާރާތުގައި ވާދަކުރި ފުރަތަމަ ފަހަރެވެ.  

ދުނިޔޭގެ އެކި ކަނކޮޅުތަކުން މި މުބާރާތުގައި 3000 އަށްވުރެ ގިނަ ޝެފުން 29 ކެޓަގަރީންވަނީ މި މުބާރާތުގައި ބައިވެރިވިއެވެ. މުބާރާތުގެ ވަނަތައް ހޮވާފައިވަނީ ވޯލްޑް އެސޯސިއޭޝަން އޮފް ޝެފްސް އެންޑް ސޮސައިޓީސް (ވެކްސް) ގެ 30 މެންބަރުންގެ މައްޗަށް އެކުލެވޭ ޖަޖުންގެ ޕެނަލްއަކުންނެވެ.

މި މުބާރާތް ކުރިއަށްދިޔައީ  މިމަހުގެ 18 އިން 22 އަށް ދުބާއީ ވޯލްޑް ޓްރޭޑް ސެންޓަރ ގައެވެ. މި މުބާރާތުގައި ދިވެހި ޝެފުން ބައިވެރިވީ ޝެފްސް ގިލްޑް އޮފް މޯލްޑިވްސްގެ ފަރާތުންނެވެ.