ކުޅިވަރު

ދެވަނަ ހާފްގައި ވިކްޓްރީ ކޮޅަށް 4 ލަނޑު ޖަހައިގެން އީގަލްސް މޮޅު!


ފަހަތުން އަރާ ވިކްޓްރީ ސްޕޯޓްސް ކްލަބް ބަލިކޮށް، އެސް.ޓީ.އޭ މާލޭ ލީގު ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ ތިން ޕޮއިންޓް ކްލަބް އީގަލްސް ހޯދައިފިއެވެ.

މާލޭ ލީގުގައި މިއަދު ހަވީރު ވިކްޓްރީގެ މައްޗަށް ކްލަބް އީގްލަސް ކުރި ހޯދީ ހަތަރެއް އެކަކުންނެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ ވިކްޓްރީންނެވެ. މިލަނޑު ފުރަތަމަ ހާފްގެ މެދަކާ ހިސާބުން ލިބުނު ކޯނަރަކުން ކާމިޔާބުކޮށްދިނީ އެޓީމްގެ ބިދޭސީ ފޯވާޑް ސިމޯންނެވެ.

ފުރަތަމަ ހާފް ނިމުނީ 1-0 ން ވިކްޓްރީ ކުރީގައި އޮވެގެންނެވެ.

އެހެންނަމަވެސް ދެވަނަ ހާފް ފަށައިގެން ހަތަރު ވަނަ މިނެޓުގައި ކްލަބް އީގަލްސްއިން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަ ހަމަކޮށްފައެވެ.

މިލަނޑު އީގަލްސްއަށް ކާމިޔާބުކޮށްދިނީ ޓީމުގެ ޒުވާން ފޯވާޑް އަދި މެޗުގެ މޮޅު ކުޅުންތެރިއާގެ މަޤާމްވެސް ހޯދި މުހައްމަދު ނާއިމްއެވެ.

މެޗުގައި އީގަލްސްއަށް ލީޑު ހޯދައިދިނީ މެޗުގެ ފަހު ތިރީސް މިނެޓަށް ކުޅެން ނިކުތް އަހުމަދު ރިޒުވާން ހޯދައިދިން ޕެނަލްޓީއަކުން އީގަލްސްގެ ބްރެޒިލް ފޯވާޑް ލުއިޒް އެޑްރިއާނޯއެވެ.

އީގަލްސްގެ ތިން ވަނަ ލަނޑު އަރިމަތިން ކުޅެމުންދިޔައި ޒުވާން މިޑްފިލްޑަރ ހަސަން ރާއިފް އަހުމަދު ކާމިޔާބުކޮށްދިންއިރު މެޗުގައި އީގަލްސްގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ރިޒުވާންއެވެ.

މެޗަށްފަހު ކްލަބް އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް މޯހަން ބުނީ މިއީ ރަނގަޅު ފެށުމެއް ކަމަށެވެ. މެޗުން ރަނގަޅު ކުރަން ޖެހުނު ގިނަ ކަންތައްތަކެއް ފާހަގަކުރެވުނުނަމަވެސް މެޗުން މޮޅުވުމުން ހިތްހަމަ ޖެހޭކަމަށެވެ.

ވިކްޓްރީ ސްޕޯޓްސް ކްލަބްގެ ކޯޗު ލާޒްލޯ ކިސް ވަނީ އީގަލްސް ޓީމުން ދެއްކި ކުޅުމަށް ތައުރީފްކޮށް މެޗު ކާމިޔާބުކުރުމުން އީގަލްސްއަށް މަރުހަބާ ކިޔާފައެވެ. ކިސް ބުނީ މިއީ ޤަބޫލް ކުރަން އުނދަގޫ ނަތީޖާއެއް ކަމަށާއި، އޭނާގެ ޓީމަށް މިމެޗުގައި ރަނގަޅަށް ނުކުޅެވޭ ކަމަށެވެ.