ޚަބަރު

ކޯޓު އަމުރުގެ ފަހަތުގައި ހުންނެވިކަމަށް ޤާސިމް ޢިއުތިރާފުވެއްޖެ


ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ފެބްރުއަރީ މަހުގެ ފުރަތަމަދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ޤާސިމް އިބްރާހީމް އަޑީގައި ހުންނަވައިގެން ނެރުނު އަމުރެއް ކަމަށް ޤާސިމް އަމިއްލަފުޅަށް މީޑިއާގައި އިޢުތިރާފުވެވަޑައިގެންފިއެވެ. 

ފެބްރުއަރީ މަހުގެ ފުރަތަމަދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ޤާނޫނީގޮތުން އުފެދިފައިވާ ދިވެހިސަރުކާރު ވައްޓާލުމަށް ހިންގި ބަޣާވާތެއްގެ ގޮތުގައި ގިނަބަޔަކު އަންނަނީ ތުހުމަތުކުރަމުންނެވެ. ސުޕްރީމްކޯޓުގެ މިއަމުރު ފަހުން އެކޯޓުން ބާޠިލްކޮށްފައިވާއިރު، އެއަމުރު ނެރުމުގައި އިސްށް ތިއްބެވި ދެ ފަނޑިޔާރުންގެ މައްޗަށް ރިޝްވަތު ހިފުމާއި، ސަރުކާރު ވައްޓާލަން ރޭވުމާއި، ޤާއުމަށް ޚިޔާނާތްތެރިވުމުގެ ތުހުމަތުކޮށް މިހާރުވަނީ ހައްޔަރުކޮށްފައެވެ. އަދި އެދެފަނޑިޔާރުންނަށް އެކި ގޮތްގޮތުން އެހީތެރިވެ އެމީހުންގެ މައްޗަށް ތުހުމަތުކުރެވޭ ކުށުގައި ބައިވެރިވުމުގެ ތުހުމަތުގައި ސިޔާސީ ބައެއް ބޭފުޅުންވެސް ވަނީ ހައްޔަރުކޮށްފައެވެ. 

ސަލާމަތީ ބާރުތަކުން މިމައްސަލަތައް ތަހްޤީޤުކުރަމުންދަނިކޮށް ޤާސިމް އިބްރާހީމް މިވަނީ ސުޕްރީމްކޯޓުގެ އަމުރަކީ އެބޭފުޅުން ނެރުއްވި އަމުރެއްކަމަށް ޢިއުތިރާފުވެފައެވެ. ޤާސިމް އިބްރާހީމް މިކަމަށް އިއުތިރާފުވެވަޑައިގެން ވާހަކަފުޅުދައްކަވާފައިވަނީ އިދިކޮޅު ފަރާތްތަކުގެ ޚަބަރުތައް ގެނެސްދޭ ޓީވީޗެނަލް ރާއްޖެ ޓީވީގެ ޕްރޮރަމަކަށް ދެއްވި އިންޓަވިއުއެއްގައެވެ. 

ޤާސިމް އިބްރާހީމްގެ މިވާހަކަފުޅުތަކާމެދު ވެރިކަންކުރާ ޕާޓީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ޕީޕީއެމްއިންވަނީ މިއަދު ފާޑުކިޔާފައެވެ. ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ޕީޕީއެމްގެ ނާއިބުރައީސް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫދާއިރާގެ މެމްބަރު ޢަބްދުއްރަޙީމް އަބްދުﷲ ވިދާޅުވީ، ޤާސިމްގެ މިވާހަކަފުޅުން މިވަނީ ކުރިންވެސް ޕީޕީއެމްއިން ދައްކަމުންދިޔަ ވާހަކަތަކުގެ ހަޤީގަތް ހާމަވެފައިކަމަށެވެ. ފެބުރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ތިމަންނާމެން ނެރުނު އަމުރެއްކަމުގައި ޤާސިމް އަމިއްލަފުޅަށް އިއުތިރާފްވެފައިވާއިރު، އޭނާއަކީ މިހާރުވެސް ޝަރުޢީ ޙުކުމެއް ތަންފީޒުކުރައްވަމުންދާ ބޭފުޅެއްކަން ފާހަގަކުރައްވައި ޢަބްދުއްރަޙީމް ވިދާޅުވީ ގެނެވުނުގޮތަކަށް ޤާސިމް ރާއްޖެގެނެސް އޭނާއާ ގުޅުންހުރި މައްސަލަތައް ބަލައި ފިޔަވަޅު އެޅުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ގޮވާލައްވާކަމަށެވެ. 

މިކަމާގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް ވިދާޅުވީ ޤާސިމަކީ އަބަދުވެސް ޤައުމުގެ ހަމަޖެހުން ނަގާލައި ސިޔާސީގޮތުން އޭނާގެ އަމިއްލަ ޒާތީ މަސްލަޙަތު ޙިމާޔަތްކުރެއްވުމަށް މަސައްކަތްކުރައްވާ ބޭފުޅެއްކަމަށެވެ. މިހާރުވސް ޝަރުޢީ ޙުކުމެއް ތަންފިޒުކުރައްވަމުންދާއިރު، ބޭސްފަރުވާއަކަށްކަމަށް ވިދާޅުވެ، ރާޖެއިން ބޭރަށް ވަޑައިގެން ޖަރުމަނު ވިލާތައް އަމިއްލައަށް އަރުވަލެވިގެން ހުންނަވައި ރާޖޭގެ ސިޔާސީ މާހައުލު ގަޑުބަޑު ކުރެއްވުމަށް ޤަސިމް ކެނޑިނޭޅި މަސައްކަތްކުރައްވަމުންދާކަން ޝިޔާމް ފާހަގަކުރެއްވިއެވެ. 

އަދި ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް މާލޭގެ މަގުތަކަށް މީހުން އެއްކުރެއްވުމަށް ޤާސިމް ދަނީ ރައްޔިތުންގެ ކިބައިން އާދޭސް ކުރައްވަމުންކަމަށާ އޭނާގެ އެއާދޭހަށް އިޖާބަދޭނެ މާގިނަ ބަޔަކު ނެތްކަމަށް ޝިޔާމް ވިދާޅުވިއެވެ. 

ޤާސިމް އިބްރާހީމަކީ ރައީސް މައުމޫނުގެ ސަރުކާރު ވައްޓާލުމަށާއި، ކުރީގެ ރައީސް މުޙަންމަދު ނަޝީދުގެ ސަރުކާރު ވައްޓާލުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއްކަމަށާ، އޭރުވެސް ޤާނޫނާޚިލާފަށް ބައެއްކަންކަން ކުރެއްވިކަމަށް ގިނަބަޔަކު ތުހުމަތުކުރާކަން ޝިޔާމް ފާހަގަކުރެއްވިއެވެ. 

ނަޝީދުގެ ވެރިކަމަށްފަހު ރައީސް ޑރ.ވަހީދަށާއި، އެމަނިކުފާނުގެ ސަރުކާރަށް ޤާސިމް ކުރެއްވި ޖެއްސުމާއި އަދި މިއަދު ރައީސް ޔަމީނުގެ ސަރުކާރު ވައްޓާލުމަށް ޤާސިމް އަޑީގައި ހުންނަވައިގެން ކުރައްވާ މަސައްކަތްތަކާއި، ގޮވާލައްވާ ގޮވާލުންތަކުގެ ހަޤީގީ ސަބަބަކީ އޭނާގެ އަމިއްލަ މަސްތަޙަތާއި ޒާތީ ނާޖާއިޒު ފައިދާ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އެހެންނަމަވެސް ޤާސިމް މިއަދު ޤަބޫލުފުޅުކުރައްވަން ޖެހޭ ހަޤީގަތަކީ އޭނާ އެކުރައްވާ ބޭކާރު މަސައްކަތަކީ ނާކާމިޔާބު ކަމެއްކަމާއި، އޭނާގެ ބަހަށް ނުކުންނާނެ މާގިނަބަޔަކު ނެތްކަން ކަމުގައި ޝިޔާމް ވިދާޅުވިއެވެ.