ޚަބަރު

އައިޓީބީ ފެއަރ- ދިވެހި ޑެލިގޭޝަންގައި 400އަށްވުރެ ގިނަ މީހުން


ޖަރުމަނު ވިލާތުގެ ބަރލިންގައި ބާއްވާ އިންޓަނޭޝަން ޓޫރިޒަމް ފެއާ (އައިޓީބީ)ގެ މިފަހަރުގެ ފެއާ އަކީ ރާއްޖެއިން މިހާތަކަށް އެންމެ ބޮޑު ޑެލިގޭޝަނެއް ބައިވެރިވާ ބޭރުގެ ފެއާ ކަމަށް އެމްއެމްޕީއާރުސީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ހާރިސް ވިދާޅުވީ މިފަހަރުގެ އައިޓީބީ ބަރލިން ފެއަރ އަކީ ރާއްޖެއިން މިހާތަނަށް ބައިވެރިވާ އެންމެ ވަރުގަދަ ފެއަރކަމަށާއި، މިފަހަރުގެ ފެއާގައި ރާއްޖޭގެ ފަތުރުވެރިކަމުގެ އިންޑަސްޓްރީގައި މަސައްކަތްކުރާ 104 ކުންފުންޏަކުން 400 އަށްވުރެ ގިނަ މީހުންގެމައްޗަށް އެކުލެވޭ ޑެލިގޭޝަނެއް ބައިވެރިވާކަމަށެވެ. މިއީ ރާއްޖޭގެ ތަޞައްވުރު ހުތުރުކުރުމަށް ބަޔަކު އެތެރެއާއި ބޭރުގައި މަސައްކަތްކުރާ ދަނޑިވަޅެއްގައި ދުވެހި ސަރުކާރާއި ރައްޔިތުންނަށް ލިބުނު ވަރަށްބޮޑޔު ކާމިޔާބެއްކަމަށް ހާރިސް ވިދާޅުވިއެވެ. ރާއްޖޭގައި މިވަގުތު ހިންގަމުންދާ 130 އެއްހައި ރިސޯޓުގެ ތެރެއިން މިވަރުގެ ޢަދަދެއް އައިޓީބީ ފެއާގައި ބައިވެރިވެ ރާއްޖޭގެ އަމާންކަމާއި، ސުލްޙަވެރިކަމާއި، ޤުދްރަތީ ރީތިކަން އިސްތިހާރުކޮށް ޕްރޮމޯޓްކުރުމަށް މަސައްކަތްކުރުމަކީ މިދަނޑުވަޅު ދިވެހިންނަށް ލިބޭ ވަރަށްބޮޑު ކުރިއެރުމެއްގެގޮތުގައި ހާރިސް ފާހަގަކުރެއްވިއެވެ.

ހާރިސް ވިދާޅުވީ މިފަހަރުގެ ފެއާގައި ރާއްޖޭގެ ފަތުރުވެރިކަމުގެ އިންޑަސްޓްރީގެ އަމިއްލަ ކުންފުނިތަކަށް ޚާއްސަ ސަމާލުކަމެއް ދީގެން އެމެއެމްޕީއާރުސީން ބައްދަލުވުންތަކާއި އެހެންވެސް ކަންކަން އިންތިޒާމުކޮށްފައިވާނެކަމަށެވެ. މިފަހަރުގެ ސްޓޭންޑަކީ މިހާތަނަށް ރާއްޖެ ތަމްސީލްކުރުމަށް ތައްޔާރުކޮށްފައިވާ އެންމެ ތަފާތު އެންމެ ފުރިހަމަ ސްޓޭންޑްކަމަށާއި މިއާއެކު އެހެން އަހަރުތަކެކޭ އެއްފަދައިން ރާއްޖެއިން ގެންގުޅޭ، ރާއްޖޭގެ ރީތިކަމާއި، ސަޤާފަތާއި އާދަކާދައާއި ދިވެހި ރަހަތައް ދައްކާލުމުގެ ކަންކަން ރާއްޖޭގެ ސްޓޭންޑުން ފެންނާނެކަމަށް ހާރިސް ވިދާޅުވިއެވެ.