ޚަބަރު

ރާއްޖޭގެ އިޤްތިޞާދު އޮތީ ވަރަށް ރަނގަޅު ހާލަތެއްގައި- މިނިސްޓަރ


އިދިކޮޅު ފަރާތްތަކުން ޤައުމު ހަލަބޮލިކޮށް އިޤްތިޞާދު ނުތަނަވަސްކަމެއްގެ ތެރެއަށް ވައްޓާލުމަށް މަސައްކަތްކުރަމުންދިޔަނަމަވެސް ރާއްޖޭގެ އިޤްތިޞާދު އޮތީ ވަރަށް ރަނގަޅު ހާލަތެއްގައިކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ތާއީދުކޮށް މި ޖީލުގެ އަޑު" މި ޝިއާރުގެ ދަށުން ހުޅުމާލޭގައި ބޭއްވި ހަރަކާތުގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވީ، މިޖީލުގައި ރާއްޖޭގައި ވެރިކަންކުރެއްވި ބޭފުޅުންގެ ހަޔާތްޕުޅަށް ބަލާއިރު، އަދުގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ފިޔަވައި ދިވެހިންގެ ލާބައަށް އެދި ވެރިކަންކުރެއްވި ރައީސެއް ނެތްކަމަށެވެ.

ރައީސް ޔާމީނު ވެރިކަމާއި ހަވާލުވެ ވަޑައިގަތުމުގެ ކުރިން ރާއްޖޭގެ އިޤްތިޞާދުގައި ވިޔަފާރީގެ މިނިވަންކަން ދިވެހިންގެ އަތުގައި ނެތްކަން ފާހަގަކުރައްވަމުން އިކޮނޮމިކް މިނިސްޓަރު ސަޢީދު ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދުގެ ނާރެހުން ފެންނަ ބިޔަ މަޝްރޫޢުތަކުން ދިވެހިންގެ އިޤްތިޞާދީ މިނިވަންކަން އޮތްކަން ސިފަވާކަމަށެވެ. އަދި އިދިކޮޅު ސިޔާސީ ފަރާތްތަކުން ޤައުމު ހަލަބޮލިކޮށް ރާއްޖެއިން ބޭރުގައި ޤައުމު ބަދުނާމުކޮށް އިޤްތިޞާދު ނުތަނަވަސްކަމެއްގެ ތެރެއަށް ވައްޓާލުމަށް މަސައްކަތްކުރަމުން ދިޔަނަމަވެސް އިޤްތިޞާދީ އެއްވެސް ޙަރަކާތެއް ހުއްޓުމަކަށް ނައިސް ކުރިއަށްދާކަން މިނިސްޓަރު ވިދާޅުވިއެވެ.

" މި ޖީލުގެ އަޑު" މި ޝިއާރުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ތާއީދުކޮށް ހުޅުމާލޭގައި ބޭއްވި މި ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމާއި ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ސަރުކާރުގެ އެކި އިދާރާތަކުގެ ބޭފުޅުންގެ އިތުރުން ގިނަ އަދަދެއްގެ އާއްމުރައްޔިތުން ބައިވެރިވިއެވެ.

މި ޖަލްސާގައި ބައިވެރިވި ޒުވާނުން ވަނީ ރައީސް ޔާމީން ޒުވާނުންގެ މުސްތަޤްބަލަށް ކުރައްވަމުންގެންދަވާ ކަންކަން ފާހަގަކޮށް ޝުޢޫރުފާޅުކޮށްފައެވެ. އެގޮތުން ވިޔަފާރީގެ މައިދާނުގައި ޒުވާނުން ބާރުވެރިކޮށް، ވަޒީފާތަކަށް ޒުވާނުން ނެރުމަށް އަދުގެ ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތައް ޒުވާނުން ވަނީ ފާހަގަކޮށްފައެވެ.