ޚަބަރު

ރައްޔިތުންގެ މަޖިލީހުގެ ޢާންމު ޖަލްސާތައް މާދަމާ ފަށަނީ


ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޢާންމު ޖަލްސާ މަދަމާ އޮންނާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މަޢުލޫމާތުދޭގޮތުގައި މާދަމާގެ ޖަލްސާ އޮންނާނީ ހެނދުނު ނުވައެއް ޖަހާއިރުއެވެ. މި ޖަލްސާއަށް ދެކަމެއް އެޖެންޑާކޮށްފައިވެއެވެ.

މި ދެކަމަކީ، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހުށަހަޅުއްވާ ނަންތަކުގެ މައްސަލައާއި، ޖަޕާނުގައި ހުންނަވާ ސަފީރު ކަމުގެ މަޤާމަށް މ.ޕޭމަންސް އިބްރާހީމް އުވައިސް އައްޔަން ކުރެއްވުމުގެ މައްސަލައެވެ.

މިއަހަރަށް މަޖިލިސް ހުޅުވައި ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބާއްވާފައިވަނީ މިދިޔަ ބުދަ ދުވަހުގެ ރޭގަވެ. އެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ވަނީ ރިޔާސީ ބަޔާން އިއްވަވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ޢާންމު ޖަލްސާތައް މާދަމާ ފަށަން ނިންމާފައިވާއިރު، ދައުރުން ބޭރުން ދެޖަލްސާއެއް މިއަހަރު ބާއްވާފައިވެއެވެ. އެއީ ކުއްލި ޙާލަތުގެ ޤަރާރާ ގުޅިގެން ބޭއްވި ދެ ޖަލްސާއެވެ.