ކުޅިވަރު

ޔޫރޮޕާ ލީގުގައި އާސެނަލްއާ ދެކޮޅަށް އޭސީމިލާން


ޔޫރޮޕާ ލީގުގެ ދެ ވަނަ ބުރުގައި އިޓަލީގެ އޭސީ މިލާނާއި އިނގިރޭސި ވިލާތުގެ އާސެނަލް ވާދަކުރަންޖެހިއްޖެއެވެ.

މުބާރާތުގައި މިހާރު އޮތް އެންމެ މަޝްހޫރު ދެ ޓީމު ވާދަ ކުރަން ޖެހުމުން މީގެ ތެރެއިން ކޮންމެވެސް އެއް ޓީމެއް ކުއާޓާ ފައިނަލަށް ނުގޮސް މުބާރާތުން ކަޓާނެއެވެ.

ޗެމްޕިއަންސް ލީގު ހަތް ފަހަރު ހޯދާފައިވާ އޭސީ މިލާން ފާއިތުވެދިޔަ 17 އަހަރު މެދުނުކެނޑި ޗެމްޕިއަންސް ލީގުގައި ކުޅުނު އާސެނަލްއާ ވާދަކުރަން ޖެހުމުން އެ ޓީމުގެ ކޯޗު އާސެން ވެންގާ ބުނީ މިލާން މެޗަކީ ހުރިހާ ގޮތަކުން ވެސް ހާއްސަ މެޗެއް ކަމަށެވެ.

"އިޓަލީގެ އެންމެ ތާރީހީ ޓީމަކީ މިލާން. އެމީހުންނާ ދެކޮޅަށް ކުޅެން ޖެހުމަކީ ފަހުރެއް. އެކަމަކު މިއީ އަހަރުމެން ހުރިހާ ކަމެއް ހުއްޓާލައި އަތްއުރާލައިގެން ތިބެންވީ ވަގުތެއްނޫން. އަހަރުމެން ބޭނުންވަނީ މި މުބާރާތުގައި ކުރިއަށްދާން. މިލާންގެ ފޯމުގެ ގޮތެއް އަހަންނަކަށް ނޭނގެ. އަހަރެންގެ ޓީމު އޮތީ ރަނގަޅު ފޯމުގައި،" ވެންގާ ބުންޏެވެ.

އިޓާލިއަން ލީގުގައި މިވަގުތު މިލާން އޮތީ 8 ވަނާގަ އެވެ. އިނގިރޭސި ލީގުގައި އާސެނަލް އޮތީ ހަ ވަނާގަ އެވެ.

ޔޫރޮޕާ ލީގުގެ ދެ ވަނަ ބުރުގައި ސްޕޭނުގެ މަޝްހޫރު އެތްލެޓިކޯ މެޑްރިޑް ވާދަކުރާނީ ރަޝިޔާގެ ލޮކޮމޯޓިވް މޮސްކޯއާއެވެ. ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމުންޑް ވާދަކުރާނީ ރެޑްބުލް ސަލްސްބާގާއެވެ. ރަޝިޔާގެ ސީއެސްކޯ މޮސްކޯ ވާދަކުރާނީ ފްރާންސްގެ ލިއޯންއާއެވެ.