ޚަބަރު

"މޯލްޑިވްސް ހެލްތްކެއަރ ކޮލެޓީ ސްޓޭންޑަޑް" އިފްތިތާހްކޮށްފި


ރާއްޖޭގައި ފޯރުކޮށްދޭ ޞިއްޙީ ޚިދުމަތަކީ، ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ރައްކާތެރި ފެންވަރު ރަނގަޅު ޚިދުމަތަކަށް ހެދުމަށްޓަކައި ޚާއްޞަ މިންގަނޑެއް އެކުލަވާލައިފިއެވެ.

"މޯލްޑިވްސް ހެލްތްކެއަރ ކޮލިޓީ ސްޓޭންޑަޑް" ރަސްމީކޮށް އިފްތިތާހްކޮށްދެއްވީ ހެލްތް މިނިސްޓަރ ޢަބްދުއްﷲ ނާޒިމް އިބްރާހީމެވެ. ހޮޓެލް ޖެންގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި މިންގަނޑު އިފްތިތާހުކޮށްދެއްވުމަށްފަހު މިނިސްޓަރ ވިދާޅުވީ މި މިންގަނޑުތައް ކަނޑައެޅި ނިމުމުން ޞިއްޙީ ޚިދުމަތް ދިނުމުގައި ބަލަންޖެހޭ މިންގަނޑުތައް ތަންފީޒް ކުރެވޭ މިންވަރު ބެލިގެންދާނެކަމަށެވެ. އަދި ޞިއްޙީ ޙިދުމަތް ދިނުމުގައި އިތުރަށް ރަނގަޅުކުރަންވީ ކަންކަން ދެނެގަނެވި މި ދާއިރާގައި ދެވޭ ޙިދުމަތްތަކަކީ ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން ލިބިގެންދާ ޙިދުމަތްތަކަކަށް ވެގެންދާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"ހެލްތް ކެއަރ ކޮލެޓީ ފްރޭމްވޯކްގެ އެންމެ މުހިއްމު ބަހާތަކަކީ ކަންކަން ކުރަންޖެހޭ ގޮތުގެ ގައިޑްލައިންތަކާއި، ސްޓޭންޑާޑްތަކާއި، ޕްރޮޓޮކޯލްތަކާއި، ޕުރޮސީޖާތައް. މިއީ ސިއްޙީ ފެންވަރުގެ ކަނޑައަޅާ މޮނިޓަރކޮށް ބެލެހެއްޓުމަށާއި، އެންމެނަށް ހަމަހަމަކަންމަތީ އެއްއުސޫލަކުން ޙިދުމަތް ފޯރުކޮށްދިނުމަށް ކޮންމެހެން ހުންނަންޖެހޭ ކަމެއްކަމަށް އަޅުގަނޑު ދެކެން." ހެލްތް މިނިސްޓަރ އަބްދުއްﷲ ނާޒިމް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޕްރެޒެންޓޭޓިވް އަރވިން މާތުރު ވިދާޅުވީ ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ ކޮންމެ ތަނެއްގައިވެސް ޚިދުމަތުގެ ފެންވަރު ބެލޭނެ އުސޫލްތަކެއް ހުރުން މުހިންމުކަމަށެވެ. އަދި ރާއްޖެއިން މިކުރާ މަސައްކަތުގައި އަބަދުވެސް ޑަބްލިއުއެޗްއޯގެ އެހީތެރިކަން ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.

"މޯލްޑިވްސް ހެލްތްކެއަރ ކޮލެޓީ ސްޓޭންޑާރޑްސް" ތައްޔާރުކުރުމުގައި ހެލްތް މިނިސްޓްރީއާއެކު އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކާއި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ އަންނަނީ މަސައްކަތް ކުރަމުންނެވެ. މިއުސޫލުތައް ކަނޑައަޅާ ނިމުމުން އަތޮޅުތަކުގެ ހުރިހާ ޞިއްޙީ ޚިދުމަތްދޭ ތަނެއްގައިވެސް ޙިދުމަތްދިނުމުގައި އެއް އުސޫލުތަކެއް ކަނޑައެޅިގެންދާނެކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ. ހެލްތް މިނިސްޓްރީން މިހާރުވަނީ ބަލިމީހުންނަށް ޚިދުމަތް ދިނުމުގައި ދިމާވާ މައްސަލަތައް ބަލައި އެމީހުންގެ ޙައްޤުތައް ހިމާޔަތްކުރުމަށް އެހީތެރިވެދިނުމަށް މަސައްކަތްކުރުމަށްޓަކައި "ނޭޝަނަލް ޕޭޝިއަންޓް ސޭފްޓީ ކޮމިޓީ" ނަމުގައި ޚާއްޞަ ކޮމެޓީއެއްވެސް އެކުލަވާލާފައެވެ.