ކުޅިވަރު

ޗެމްޕިއަންސް ލީގަށް ދާން ބޭނުންވަނީ ޕްރެމިއާ ލީގުން: ވެންގަރ


ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތަށް އާސެނަލް އަލުން ދާން ބޭނުންވަނީ ޕްރެމިއާ ލީގުގެ ގަދަ ހަތަރެއްގައި ހިމެނިގެން ކަމަށްވާ ކޯޗު އާސެން ވެންގަރ ބުނެފި އެވެ.

ޔޫރޮޕާ ލީގުގައި މިރޭ ސްވިޑްންގެ އޮސްޓަސުންޑާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ވެންގަރ ބުނީ އޭނާ އެންމެ އިސްކަންދެނީވެސް ޕްރެމިއަރ ލީގަށް ކަމަށެވެ.

"އެންމެ އިސްކަންދެނީ ޕްރެމިއަރ ލީގަށް. އެކަމަކު ޔޫރޮޕާ ލީގަކީވެސް އަހަރުމެން އިސްކަންދޭ މުބާރާތެއް،" ވެންގަރ ބުންޏެވެ.

އޭނާ މިހެން ބުނީ ޕްރެމިއަރ ލީގުގެ ޓޭބަލުގެ ހަވަނާގައި މިވަގުތު އާސެނަލް އޮތްއިރު ގަދަ ހަތަރެއްގައި ތިބި ޓީމުތަކާ ދެމެދު އޮތް ޕޮއިންޓްގެ ފަރަޤު ބޮޑުކަމުން ޔޫރޮޕާ ލީގުގެ ޗެމްޕިއަން ޓީމުގެ ގޮތުގައި ޗެމްޕިއަންސް ލީގަށް ދާން އިސްކަންދެންތޯ ނޫސްވެރިން ސުވާލު ކުރުމުންނެވެ. ފާއިތުވެދިޔަ 17 އަހަރު ޗެމްޕިއަންސް ލީގު ކުޅުނު އާސެނަލްއަށް އެ މުބާރާތުން ފުރުސަތު ގެއްލުނީ މިދިޔަ އަހަރުގެ ސީޒަންގެ ގަދަ ހަތަރަކަށް ނޭރުމުންނެވެ.

ޔޫރޮޕާ ލީގުގައި މިރޭ އޮސްޓަސުންޑާ ދެކޮޅަށް ނުކުންނައިރު އާސެނަލް އޮތީ 3-0 ން ކުރީގައެވެ. މިހެންވެ މެސުޓް އޮޒިލް އާއި އާރޮން ރަމްސޭ މިރޭގެ މެޗުގައި ނުކުޅޭނެއެވެ. އޭގެ ބަދަލުގައި ވަރަށް ޒުވާން ޓީމެއް ދަނޑަށް ނެރެން ވެންގާ ވަނީ ނިންމާފައެވެ.