ކުޅިވަރު

ރެއާލް މެޑްރިޑް ތިން ވަނައަށް


ލެގަންސް 3-1 ން ބަލިކޮށް، ސްޕެނިޝް ލީގުގެ ތިން ވަނައަށް ރެއާލް މެޑްރިޑް ޖެހިލައިފިއެވެ.

ރޭގެ މެޗުގައި ރެއާލް އަށް ގޯލު ޖަހައިދިނީ ލޫކަސް ވަޒްކުއޭޒާއި ކަސެމޭރޯ އަދި ލިބުނު ޕެނަލްޓީ އަކުން ސާޖިއޯ ރާމޯސްއެވެ. މި މޮޅާއެކު ރެއާލް ތިން ވަނަ އަށް އެރީ 48 ޕޮއިންޓާއެކުގައެވެ. ދެ ވަނާގައިވަނީ 55 ޕޮއިންޓާއެކު އެތްލެޓިކޯ މެޑްރިޑެވެ. އެއްވަނާގައިވަނީ 62 ޕޮއިންޓާއެކު ބާސެލޯނާ އެވެ.

 މެޗަށް ފަހު ރެއާލް މެޑްރިޑްގެ ކޯޗު ޒައިނުއްދީން ޒިދާން ބުނީ ސަޕޯޓަރުން ފަދައިން އަސެންސިއޯއާއި، ވަޒްކުއޭޒް ޤަވާއިދުން ފުރަތަމަ 11ގައި ކުޅުވަން އޭނާ ވެސް ބޭނުންވާ ކަމަށާއި، ނަމަވެސް ކުޅުންތެރިންގެ ހާލަތަށް ވެސް ވިސްނަންޖެހޭ ކަމަށެވެ. ޒިދާން ބުނީ އެ ދެ ކުޅުންތެރިންގެ ކުޅުމާމެދު އޭނާ ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށާއި ލީގުގައި ޓީމުގެ ނަތީޖާ ރަނގަޅުވުމުގައި ޒުވާން ކުޅުންތެރިންގެ ހިއްސާ ބޮޑުވަމުން އަންނަ ކަމަށެވެ. 

ރޭގެ މެޗުގައި ވެސް ގެރެތް ބޭލް ކުޅުނީ ކުޑަވަގުތުކޮޅަކު އެވެ. ޒިދާން ބުނީ އެކި ކުޅުންތެރިންގެ އިންޖަރީ ސްޓޭޓަސްއަށް ބަލާފައި ކުޅުމުގެ ފުރުސަތު ދޭންވާނީ މާބުރަބޮޑުނުވާ ގޮތަށް ކަމަށެވެ.