ކުޅިވަރު

ޔުނައިޓެޑަށް ސްޕޭނުގައި ކުރިއެރުމެއްނެތް


މެންޗެސްޓާ ޔުނައިޓެޑަށް ސްޕޭނުގައި ކުޅެގެން އަނެއްކާ ވެސް މެޗަކުން މޮޅުނުވެވި ނިންމާލަން ޖެހިއްޖެއެވެ.

ޗެމްޕިއަންސް ލީގުގައި ރޭ ސެވިއްޔާއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 0-0 ން ދެ ޓީމު އެއްވަރުވެގެންނެވެ. މިއީ ޔުނައިޓެޑް އެންމެ ފަހުން ސްޕޭނުގައި ކުޅެ އެއްވަރުވި ފަސްވަނަ މެޗެވެ. މި މެޗުގައި ޔުނައިޓެޑުގެ ތަރިއަކަށްވީ އެ ޓީމުގެ ސްޕޭން ކީޕަރު ޑޭވިޑް ޑެހެޔާއެވެ. އޭނާ ވަނީ ފުރަތަމަ ހާފުގައި ސެވިއްޔާއިން ފޮނުވާލި ނުރައްކާތެރި ގިނަ ހަމަލާތަކެއް ދިފާއުކޮށްފައެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ މެޗުގެ ތަފާސް ހިސާބަށް ބަލާލުމުން އިދިކޮޅު ޓީމު ދަނޑުމަތީގައި ކުރި މަސައްކަތް ފެންނާނެ ކަމަށާއި 0-0ގެ ނަތިޖާ އަކީ ހަޤީޤީ މަންޒަރުނޫން ކަމަށެވެ.

"ފުރަތަމަ ހާފުގައި އެމީހުން ވަރަށް ނުރައްކާކުރި. ޑެހެޔާ ރަނގަޅު ސޭވްތަކެއްކުރި. އެއީ އަހަރުމެން މެޗުގައި ހާސްވާންޖެހުނު ހަމައެކަނި ވަގުތަކީ. މި ނަތިޖާއަކީ މުޅި މެޗުގެ ވާހަކަ ދައްކުވައިދޭ މަންޒަރަކަށްނުވާނެ. ތަފާސް ހިސާބަށް ބަލާލުމުން މުޅި މެޗު އެނގޭނީ،" ނުސީދާކޮށް ސެވިއްޔާގެ ކުޅުމަށް ފާޑުކިޔަމުން މޮރީނިއޯ ބުންޏެވެ.

އޭނާ ބުނީ މި ނަތީޖާ އަކީ އޭނާ މުޅިން ހިތްހަމަނުޖެހޭ ނަތީޖާއަކަށްނުވި ނަމަވެސް އަމިއްލަ ދަނޑުގައި ކުޅެން ޖެހޭ މެޗު ކުރިއަށް އޮތުމުން ކޮންމެވެސް ބަޔަކު ނަތިޖާއާމެދު ހިތްހަމަޖެހިދާނެ ކަމަށެވެ. ރޭގެ މެޗުގައި ޔުނައިޓެޑްގެ ސްޕޭން މިޑްފީލްޑަރު އެންޑާ ހެރޭރާ ވަނީ ފުރަތަމަ ހާފުގައި ބާލައިފަ އެވެ. މޮރީނިއޯ ބުނީ ކުޅުންތެރިޔާ ހުރީ އަނިޔާގައި ކަމަށާއި ނަމަވެސް މެޗަށް ނެރުނީ މެޑިކަލް ޓީމުން ކުޅުންތެރިޔާގެ ހާލަތު ބަރާބަރު ކަމަށް ބުނުމުން ކަމަށެވެ.

ސެވިއްޔާގެ ކޯޗު ވިންސެންޒޯ މޮންޓޮޔާ ބުނީ އޭނާގެ ކުޅުންތެރިން ކުރި މަސައްކަތަށް ތައުރީފް ހައްޤު ކަމަށާއި މެޗު ކާމިޔާބު ކުރުމާ ގާތަށް ވެސް ދެވުނު ކަމަށެވެ.