ހުޅުމާލޭގައި ފުޓްބޯޅަ ޓްރެއިނިންގ ސްކޫލެއް ޤާއިމްކުރެއްވުމުގެ މަސައްކަތް ފަށްޓަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ އިއުލާންކުރައްވައިފިއެވެ.
މިއަހަރުގެ ރިޔާސީ ބަޔާނުގައި ކުޅިވަރުގެ ދާއިރާއަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމް ވިދާޅުވީ ހުޅުމާލޭގައި ޤާއިމްކުރައްވަނީ ފީފާ ސްޓޭންޑަރޑް ފުޓްބޯޅަ ޓްރެއިނިންގ ސްކޫލެއްކަމަށެވެ.
ޔޫތް މިނިސްޓްރީން މައުލޫމާތުދެއްވި ގޮތުގައި ހުޅުމާލޭގައި ޤާއިމްކުރައްވާ ޓްރެއިނިންގ ސްކޫލަކީ ކުދިން އެތަނުގައި އެކޮމަޑޭޓްކޮށްގެން، ކިޔެވުމުގެ ފުރުޞަތުވެސް ފަހިކޮށްދީގެން ކުޅުންތެރިންނަށް ތަމްރީނުދީ ކުޅުންތެރިން އުފައްދަން މަސައްކަތްކުރާނެ ބައިނަލްއަޤްވާމީ ފެންވަރުގެ ޓްރެއިނިންގ ސްކޫލެއްކަމަށެވެ. ޓްރެއިނިންގ ސްކޫލް ޤާއިމްކުރާ ބިންވެސް މިހާރު ފައިނަލްކޮށްފައިވާކަމަށް މިނިސްޓްރީން މައުލޫމާތުދެއްވައެވެ. އެމަސައްކަތް ކުރައްވާނީ އެފްއޭއެމްގެ ބެއްލެވުމުގެ ދަށުންނެވެ. ނަމަވެސް ޓްރެއިނިންގ ސްކޫލް ޤާއިމްކުރައްވަނީ ޔޫތް މިނިސްޓްރީގެ ބަޖެޓުންނެވެ.
ފީފާ ވަރލްޑްކަޕް ޓްރޮފީ ރާއްޖެއަށް ގެނައުމަށް މިދިޔަ ޖެނުއަރީ މަހު ކުރި " ކޮކާކޯލާ ވަރލްޑްކަޕް ޓްރޮފީ ޓުއަރ " ގައި ރައީސުލްޖުމްހޫރިއްޔާއަށް ވަރލްޑްކަޕް ޓްރޮފީ އެރުއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްވެސް ވަނީ ޓްރެއިނިންގ ސްކޫލެއް ރާއްޖޭގައި އަޅުއްވާނެކަން އިއުލާންކުރައްވާފައެވެ. އޭގެ ކުރިން ދެރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާވެސް ވަނީ އެފަދަ އިޝާރާތެއް ކުރައްވާފައެވެ.
ކުޅިވަރުގެ ދާއިރާއަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސްޕޯރޓްސް އެރީނާ މަޝްރޫއުގެ %80 ނިމިފައިވާކަންވެސް ފާހަގަކުރައްވާފައެވެ.
" ކުޅިވަރުގެ ދާއިރާއިން ކުރަމުންދާ މުހިންމު ކަންތައްތަކުގެ ތެރޭގައި ހިމެނޭ ސްޕޯޓްސް އެރީނާތައް ޤާއިމުކުރުމުގެ މަޝްރޫޢުގެ 80 ޕަސެންޓް މިހާރުވަނީ ނިމިފައި. އަދި 380 ކުޅިވަރު ކޯޓު މިހާތަނަށް އަޅައިދީފައިވޭ. ފީފާ ސްޓޭންޑަރޑްގެ ފުޓްބޯޅަ ޓްރޭނިންގ ސްކޫލެއް ހުޅުމާލޭގައި މިއަހަރު ޤާއިމުކުރުމުގެ މަސައްކަތް މިހާރުވަނީ ފެށިފައި." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.