ޚަބަރު

އުކާލާ ތެޔޮ ދެވަނަ ފަހަރަށް ބޭނުން ކުރާތީ ސަމާލުވުމަށް އަންގައިފި


ކާބޯތަކެތި ތައްޔާރުކުރުމަށްފަހު  އުކާލާ ކައްކާ ތެޔޮ  ބޭނުންކޮށްގެން ކާބޯތަކެތި ތައްޔާރުކުރާ ފަރާތްތަކާމެދު ޤާނޫނީ ގޮތުން ފިޔަވަޅު އަޅާނެކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނެފިއެވެ.

އެ އޮތޯރިޓީން ބުނީ  ރިސޯޓްފަދަ ތަންތަނުން ކާބޯތަކެތި  ތައްޔާރުކުރުމަށްފަހު އުކާލާ ކައްކާ ތެޔޮ ކާބޯތަކެތި ތައްޔާރުކުރާ ބައެއްތަންތަނުން ބޭނުން ކުރަމުންދާކަމަށެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން  މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ  ބޭނުންކޮށްފަ ހުންނަ ތެޔޮ ތަކުރާރުކޮށް ބޭނުންކުރުމަކީ އޭގެ ސަބަބުން ޞިއްޙަތަށް ނޭދެވޭ އަސަރު ކުރާ ކަމެއްކަމަށެވެ. އަދި ރިސޯޓްފަދަ ތަންތަނުން އުކާލާ ތެލަކީ ޙަލާލުނޫން ކާބޯތަކެތިން ތަޣައްޔަރުވެފައިވާ ތެލަށްވުމުގެ ފުރުޞަތު އެބައޮތްކަމަށްވެސް މި ނޫސް ބަޔާނުގައި ވެއެވެ.

އެމްއެފްޑީއޭއިން ބުނީ އެކަމަކީ ޢާންމު ސިއްހަތަށް ނުރައްކާވާފަދަ ކަމެއް މެދުވެރިވެދާނެ ކަމެއް ކަމަށާއި ކާބޯތަކެތި ބޭނުންކުރާ ފަރާތްތަކަށް އޭގެ ޞައްޙަކަން އޮޅުވާލެވޭ ކަމެއް ކަމަށެވެ.

އެފަދަ ކައްކާތެޔޮ ބޭނުން ނުކުރުމަށް އަންގާ އެމްއެފްޑީއޭ ވިދާޅުވީ "އާއްމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނު" އަދި "މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތް ކުރުމުގެ ގާނޫނު" ގެ ދަށުންވެސް އެކަން ކުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށެވެ.