ކުޅިވަރު

ކުޓީނިއޯގެ ގެއިން ވައްކަންކޮށްފި


ބޮޑު އަގުގައި ބާސެލޯނާ އަށް ބަދަލުވެ، ކުޅެމުން އަންނަ ފިލިޕް ކުޓީނިއޯ ދިރިއުޅޭ ގެއިން ވައްކަން ކޮށްފިއެވެ.

ދުނިޔޭގެ ދެ ވަނަ އަށް އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި ލިވަޕޫލް ދޫކޮށްލި ކުޅުންތެރިޔާ ބާސެލޯނާގައި ދިރިއުޅެނީ ލަޔޮނަލް މެސީ އާއި ލުއިސް ސުއަރޭޒް ދިރިއުޅޭ ގެތަކާ ވަރަށް ކައިރީގައެވެ. އޭނާއަށް މި ގެ ހޯދައިދިނީ ވެސް ސުއަރޭޒެވެ. މީގެ ކުރިން މި ސަރަހައްދާ ބެހޭ ގޮތުން ސުއަރޭޒް ބުނީ މެސީ އުޅެނީ ވަރަށް ހައި ސެކިއުރިޓީގައި ކަމަށާއި، އޭނާގެ ސަބަބުން އަވައްޓެރިންނަށް ހިމާޔަތް ލިބޭ ކަމަށެވެ.

ނަމަވެސް ކުޓީނިއޯގެ ގެއިން ވައްކަން ކުރީ އާއިލާއާއެކު އޭނާ ކާން ރެސްޓޯރަންޓެއްގައި އުޅެނިކޮށެވެ. ރިޕޯޓްތައް ބުނާގޮތުން ވަގުން އެގެއަށް ވަނީ މިވަގުތު މަރާމާތުގެ މަސައްކަތްތަކެއް ކުރަމުންދާތީވެ، އެކަމުގެ ނާޖާއިޒް ފައިދާ ނަގައިގެންނެވެ. ބާސެލޯނާގެ ފުލުހުން މިކަން ތަހުޤީގު ކުރަމުންދާއިރު ކުޓީނިއޯގެ ކާރު އިއްޔެ ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. އެއީ ޓްރެފިކް ޤަވާއިދާ ހިލާފަށް ރެސްޓޯރަންޓެއްގެ ބޭރުގައި ކާރު ޕާކްކޮށްފައި އޮއްވައެވެ. އޭނާގެ ކާރު ފޯކްލިފްޓެއް ބޭނުންކޮށްގެން ޓޯކުރިތަން ސްޕޭނުގެ ނޫސްވެރިންނަށްވެސް ވަނީ ފެނިފައެވެ.

ޗެެމްޕިއަންސް ލީގުގައި ލިވަޕޫލަށް ކުޅެފައިވާތީވެ ކުޓީނިއޯއަށް އެ މުބާރާތުގައި މި އަހަރު ބާސެލޯނާ އަށް ނުކުޅެވޭނެއެވެ. މިހެންވެ ޗެލްސީއާ ދެކޮޅަށް ލަންޑަނަށް ދިޔަ ޓީމާއެކު ދިއުމުގެ ބަދަލުގައި އޭނާ އިހްތުޔާރުކުރީ އާއިލާއެކު ސްޕޭނުގައި މަޑުކުރުމަށެވެ. މިކަމާ ބެހޭ ގޮތުން ކުޓީނިއޯ ބުނީ ޖެނުއަރީ މަހު ބާސެލޯނާއަށް ބަދަލުވީ ޗެމްޕިއަންސް ލީގު ނުކުޅެވުނަސް ވަރިހަމަކޮށްފައި އެހެން ހުރިހާ ކަމަކަށްވުރެ އޭނާއަށް މުހިންމީ ބާސެލޯނާގެ ޖާޒިގައި ކުޅުމުގެ ޝަރަފުކަމަށެވެ.