ކުޅިވަރު

ތަފާތު ބޮޑުކޮށް ބެޝިކްޓާސްގެ މައްޗަށް ބަޔާން ކުރި ހޯދައިފި


ތޯމަސް މުލާ އާއި ރޮބާޓް ލެވާންޑޮއުސްކީގެ ލަނޑުތަކާއެކު ތަފާތު ބޮޑުކޮށް ބެޝިކްޓާސްގެ މައްޗަށް ބަޔާން މިޔުނިކް ކުރި ހޯދައިފިއެވެ.

ޗެމްޕިއަންސް ލީގުގައި ރޭ ބަޔާން މިޔުނިކްގެ އެލިއެންޒް އެރީނާގައި ކުޅުނު މެޗުގައި ތުރުކީގެ ބެޝިކްޓާޝްގެ މައްޗަށް ބަޔާން ކުރި ހޯދީ 5-0 ނެވެ.

މިމެޗުގައި ބަޔާންގެ ދެ ފޯވާޑުންކަމަށްވާ ލެވަންޑޮއުސްކީ އާއި މުލާ ވަނީ ކޮންމެ ކުޅުންތެރިއެއް ދެ ލަނޑު ޖަހާފައެވެ. މީގެއިތުރުން ބަޔާންއަށް ލަނޑު ޖަހައިދިނީ ފްރާންސްގެ ޒުވާން މިޑްފިލްޑަރ ކިންގްސްލީ ކޯމަންއެވެ.

މެޗުގެ ސޯޅަ ވަނަ މިނެޓުގައި ބެޝިކްޓާޝްގެ ޑިފެންޑަރަށް ވަނީ ރަތްކާޑު ދައްކާ ދަނޑުން ފޮނުވާ ލާފައެވެ.

މެޗަށް ފަހު ބަޔާންގެ ކޯޗު ޔުޕް ހޭންކެސް ބުނީ މެޗުގައި ފެނުނީ ވަރަށް ތަފާތު ދެ ހާފް ކަމަށެވެ. ފުރަތަމަ ހާފްގައި ބަޔާންގެ ކުޅުން ރަނގަޅު ނޫންކަމަށާއި، އެހެންނަމަވެސް ދެވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް ރީތި ގޯލްތަކެއް ފެނިގެންދިޔަކަމަށެވެ. ފަހެއް ސުމެއްގެ ނަތީޖާއަކީ ވަރަށް ބޮޑު ކާމިޔާބީއެއްކަން ފާހަގަކުރަމުން ހޭންކެސް ބުނީ މިއީ ޗެމްޕިއަންސް ލީގު ކަމުން ކުއާޓަރ ފައިނަލްގެ ޖާގައެއް ޔަޤީންވީކަމަށް ބެލެން ނޯންނާނެ ކަމަށެވެ.

ބަޔާންއިން އެއްވެސް ރިސްކެއް ނަގަން ބޭނުން ނުވާކަން ފާހަގަކޮށް ހޭންކެސް ބުނީ ބެޝިކްޓާޝް އަކީ ވަރުގަދަ ޓީމެއް ކަމަށާއި، ދެވަނަ ލެގްގައިވެސް ބަޔާންއިން ބޭނުންކުރާނީ އެވަގުތު ނެގެން އޮތް އެންމެ ވަރުގަދަ ޓީމު ކަމަށެވެ.