ވިޔަފާރި

މިފްކޯއިން އަގުހެޔޮ މަސްދަޅެއް ބާޒާރަށް ނެރެފި


މިހާރު ވިއްކަމުން އަންނަ މިފްކޯގެ މަސްދަޅަށްވުރެ އަގުހެޔޮ މަސްދަޅެއް އެކުންފުނިން ބާޒާރަށް ނެރެފިއެވެ. 

މިފްކޯއިން މިފަހަރު ބާޒާރަށް ނެރުނު މަސްދަޅަކީ ގޭބިސީތަކުގައި ބޭނުންކުރުމަށް އިސްކަންދީގެން ނެރުނު އުފެއްދުމެއްކަމަށް މިފްކޯއިން ބުނެއެވެ. ފަސްމީރު ބްރޭންޑްގެ ފެލިވަރު ފްލޭކްސް މަސްދަޅާ ބެހޭގޮތުން ޕީއެސްއެމްނިއުސްއަށް މަޢުލޫމާތުދެއްވަމުން މިފްކޯގެ ސޭލްސް އެންޑް މާކެޓިންގ ސީނިއާ އެގްޒެކްޓިވް މިފްރާހް ނަސީމް ވިދާޅުވީ، ރައްޔިތުންނަށް ވީހާވެސް ހެޔޮއަގުތަކެއްގައި ފަސްމީރު ބްރޭންޑްގެ މަހުގެ އެކި އުފެއްދުންތައް ފޯރުކޮށްދިނުމަކީ މިފްކޯއިން އަބަދުވެސް އިސްކަންދޭ ކަމެއްކަމަށެވެ. 

އަލަށް ބާޒާރަށް ނެރުނު މަސްދަޅަކީ، މިފްކޯއިން ވިއްކާ މަސްދަޅަށްވުރެ އަގުހެޔޮ މަސްދަޅެއްކަމަށް މިފްރާހު ވިދާޅުވިއެވެ. މިފްކޯއިން ފެލިވަރު ފްލޭކްސް މަސްދަޅެއް ވަކިން ވިއްކާ އަގަކީ 12 ރުފިޔާ 75 ލާރިއަށެވެ. ކޭހެއް ވިއްކާ އަގަކީ 585 ރުފިޔާއެވެ. 

ފެލިވަރު ފްލޭކްސް މަސްދަޅަކީ ޚާއްސަގޮތެއްގައި މަސްހުނި ކަހަލަ އެއްޗެހި ހަދާލުމަށް ޚާއްސަ މަސްދަޅެކެވެ. މި އުފެއްދުމުގެ ސަބަބުން ކާބޯތަކެތި ތައްޔާރުކުރުމުގައި އާއިލާތަކަށް އިތުރު ފަސޭހަކަމެއް ލިބިގެންދާނޭކަމަށް މިފްކޯއިން ބުނެއެެވެ. 

މިފްކޯއިން އަންނަނީ، މަސްދަޅުގެ އިތުރުންވެސް މަހުގެ އެކި އުފެއްދުންތައް ބާޒާރަށް ނެރެމުންނެވެ.