ޚަބަރު

ޕީ.ސީ.ޓީ.އީ ސްކޮލަރޝިޕްތަކަށް ހުޅުވާލައިފި


އިންޑިއާގެ ޕަންޖާބް ކޮލެޖް އޮފް ޓެކްނިކަލް އެޑިއުކޭޝަން ޕީ.ސީ.ޓީ.އީ ގެ  ސްކޮލަރޝިޕްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހި ދަރިވަރުންނަށް ހުޅުވާލާއިފިއެވެ.  

އިންޑިއާއިން ހުޅުވާލާފައިވަނީ ފުލް ސްކޮލަރޝިޕްތަކާއި ޕާރޝަލް ސްކޮލަރޝިޕްތަކެކެވެ. ފުލް ސްކޮލަރޝިޕްއިން 10 ކޯހެއް ކަނޑައަޅާފައިވާއިރު ޕާރޝަލް ސްކޮލަރސިޕްގެ ގޮތުގައި 4 ކޯހެއް ވަނީ ކަނޑައަޅާފައެވެ. ޕީ.ސީ.ޓީ.އީން ރާއްޖެއަށް ލިބިފައިވާ ބެޗްލަރސް އާއި މާސްޓާރސް ފެންވަރުގެ ސޮކޮލަރޝިޕްތަކަށް ކުރިމަތިލުމަށް ހުޅުވާލާފައިވާއިރު އޭގެ ތެރޭގައި ބެޗްލާރސްގެ 10 ކޯހަކާއި މާސްޓަރސްގެ 4 ކޯހެއް ހިމެނެއެވެ.

މި ސްކޮލަރޝިޕްތަކުގެ ދަށުން ތަޢުލީމް ޙާސިލް ކުރެވޭނެ ދާއިރަތަކުގެ ތެރޭގައި  ބެޗްލަރސްއިން ޖާނަލިޒަމް އެންޑް މާސް ކޮމިއުނިކޭޝަންއާއި، ސައިންސްގެ ކޯސްތަކާއި، ބިޒްނަސްގެ ކޯސްތައް ހިމެނެއެވެ. މާސްޓަރސް ކޯސްގެ ތެރޭގައިވެސް ސައިންސާއި ބިޒްނަސްގެ ކޯސްތައް ހިމެނެއެވެ.

ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަނުން ބުނީ  ބެޗްލަރސް ޑިގްރީ ފެންވަރުގެ ކޯސްތަކަށް ކުރިމަތިލެވޭނީ  އޯލެވެލް އިމްތިޙާނުން ފަސް މާއްދާއިން "ސީ"އިން ފެށިގެން މަތީ ގްރޭޑް ހާސިލްކޮށްފައިވާ ދަރިވަރުންނަށާއި، މާސްޓަރސް ޑިގްރީގެ ކޯސްތަކަށް ކުރިމަތިލެވޭނީ ކޯހާ ގުޅޭ ދާއިރާއަކުން  ބެޗްލަރަސް ޑިގްރާއެއް ހާސިލްކޯށްފައިވާ ދަރިވަރަކަށް ކަމަށެވެ.

ޕީ.ސީ.ޓީ.އީ ސްކޮލަރޝިޕަށް ކުރިމަތިލުމަށް ހުޅުވާލާފައި ވީނަމަވެސް އެޕްލިކޭޝަން ހުށަހެޅޭނީ މީގެތެރެއިން ކޮންމެވެސް 1 ކޯހަކަށެވެ. އަދި 1 ކޯހަށްވުރެ ގިނަ ކޯހަށް އެޕްލިކޭޝަން ހުށަހަޅައިފިނަމަ ހުރިހާ އެޕްލިކޭޝަނެއް ބާތިލުވާނެކަމަށްވެސް އެ ޑިޕާރޓްމަންޓުން ބުނެއެވެ.

މި ސްކޮލަރޝިޕްތަކުގެ ދަށުން ދަރިވަރުންގެ ޓިއުޝަން ފީގެ 50 އިންސައްތަ ޕީ.ސީ.ޓީ.އީ  ހަމަޖައްސައިދެއެވެ.

ޕީ.ސީ.ޓީ.އީ ސްކޮލަރޝިޕްތަކުގެ  ކޯސްތަކަށް ކުރިމަތިލުމަށް ޝަޢުގުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލާފައިވަނީ މިމަހުގެ 25 ވާ އާދިއްތަ ދުވަހުގެ މެންދުރު 13:30 ގެ ނިޔަލަށެވެ.