ޚަބަރު

މަޤާމުގައި ސާބިތުކަމާއެކު ދެމިހުންނާނަން - މަޖްލީހުގެ ރައީސް


ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަޤާމުގައި ސާބިތުކަމާއެކު ދެމިހުންނަވާނެކަމަށް ރައްޔިތުންގެ މަޖްލީހުގެ ރައީސް ޢަބްދުﷲ މަސީޙް ވިދާޅުވެއްޖެއެވެ.

ވެރިކަންކުރާ މައި ޕާޓީ ޕީޕީއެމުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފޯނު މެދުވެރިކުރައްވާ ދެއްވި މެސެޖެއްގައި ރައްޔިތުންގެ މަޖްލީހުގެ ރައީސް ޢަބްދުﷲ މަސީޙް ވިދާޅުވީ ދިވެހި ޤައުމަށް ކުރިމަތިވެފައިމިވާ ކަންތައްތަކުން އަރައިގަތުމަށް މަސައްކަތްކުރެއްވުމުގައި ރައްޔިތުންނާއެކު ސާބިތުކަމާއެކު ދެމި ހުންނަވާނެކަމަށެވެ.

"އަޅުގަނޑު ސާބިތުވެމިހުރީ ދިވެހި ރައްޔިތުންނާއެކު ދިވެހި ޤައުމަށް ކުރިމަތިވެފައިމިވާ ކަންތައްތަކުން އަރައިގަތުމަށްޓަކައިި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމުގައި. އަދި ދިވެހި ރާއްޖޭގެ ރައްޔިތުންގެ މަޖްލިސްވެސް މަސައްކަތްކުރަމުންދާނީވެސް އެގޮތުގެ މަތިން. ދައުރުން ބޭރުގައި މަޖްލީޙުގެ ޖަލްސާއެއް ބޭއްވުުމުގެ މަސައްކަތް މިހާރުވެސް މިދަނީ ކުރަމުން " މަޖްލީހުގެ ރައީސް ޢަބްދުﷲ މަސީޙް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖްލީހުގެ ރައީސް ޢަބްދުﷲ މަސީޙް މިހެން ވިދާޅުވެފައިމިވަނީ އެމަނިކުފާނު މަޤާމުން އިސްތިޢުފާދެއްވި ކަމަށް ބުނެ ޙަޤީޤަތާއި ޚިލާފަށް ޚަބަރު ފަތުރަމުރަންދާ ދަނޑިވަޅެއްގައެވެ.