ޚަބަރު

ކުއްލި ނުރައްކަލުގެ ހާލަތާގުޅޭ ޤާރާރު ކޮމިޓީން ފާސްކޮށްފި


ކުއްލި ނުރައްކަލުގެ ޙާލަތާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ޤަރާރާއި އެޤަރާރަށް ހުށަހަޅުއްވާފައިވާ އިޞްލާޙްތައް ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއިބެހޭ ކޮމެޓީން ފާސްކޮށްފިއެވެ.

ޤައުމީ ސަލާމަތާބެހޭ ކޮމިޓީން މި ޤަރާރު ފާސްކޮށްފައިވަނީ 6 މެންބަރުންގެ ވޯޓުންނެވެ. ކޮމިޓީން ފާސްކޮށްފައިވަނީ، 5  ފެބްރުއަރީއިން ފެށިގެން އިޢުލާންކުރައްވާފައިވާ ކުއްލި ނުރައްކަލުގެ ޙާލަތާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ޤަރާރާއި އެޤަރާރަށް ހުށަހަޅުއްވާފައިވާ އިޞްލާޙްތަކުގެ މުއްދަތު 30 ދުވަހަށް އިތުރުކުރުމަށެވެ.

ކުއްލި ނުރައްކަލުގެ ޙާލަތު 30 ދުވަހަށް އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރި ޙާލަތަށް ބަދަލެއް އައިސްފައި ނުވާތީއެވެ.

ޤާނޫނުއަސާސީގެ 253 ވަނަ މާއްދާގެ ދަށުން މިމަހުގެ 5 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ކުއްލި ނުރައްކަލުގެ ޙާލަތުގެ ޤަރާރު ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުވުމަށް ފާސްކޮށްފައިވަނީ މިއަދު ހެނދުނު ބޭއްވި މަޖިލީހުގެ ޖަލްސާގައެވެ. މި ޤަރާރު ކޮމިޓީއަށް ފޮނުވުމަށް ފާސްކޮށްފައިވަނީ 38 މެމްބަރުންގެ ތާއީދާއެކުގައެވެ.

އިދިކޮޅު މެމްބަރުން ވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ބޮއިކޮޓް ކޮށްފައެވެ. ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަޙްމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ، ޤާނޫނުއަސާސީގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މައްޗަށް ލާޒިމުކުރާ މުހިންމު މަސައްކަތެއް ކުރުމަށް އިދިކޮޅު ފަރާތްތަކުން ހާޒިރު ވެފައި ނުވުމަކީ ރައްޔިތުން ހަވާލުކޮށްފައިވާ މަސްއޫލިއްޔަތެއް ބޮލާލާ ޖެހުންފަދަ ކަމެއް ކަމަށެވެ.