ޚަބަރު

ހުރަވީ ދުވަހާ ގުޅުވައިގެން ސްކޫލްތަކުގައި ޚާއްޞަ ޙަރަކާތްތަކެއް


މިއަހަރުގެ ހުރަވީ ދުވަހާ ގުޅުވައިގެން ރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގައި މާދަމާ ޚާއްސަ އެސެމްބްލީއެއް ބޭއްވުމަށް ނިންމާފައިވާކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.

ކޮންމެ އަހަރެއްގެވެސް ޖުމާދަލްއާޚިރާ މަހުގެ 3 ވަނަ ދުވަހަކީ ހުރަވީ ދުވަހުގެ ގޮތުގައި ރާއްޖޭގައި ފާހަގަކުރާ ދުވަހެވެ. މިއީ 1166 ވަނަ އަހަރުގެ ޖުމާދަލްއާޚިރާ މަހުގެ 3 ވީ އާދީއްތަ ވިލޭރޭ ހޮޅީންގެ ކިބައިން ދޮންބަންޑާރައިން ރާއްޖެ މިނިވަންކުރެއްވި ދުވަހެވެ. ހުރަވީ ދުވަހުގެ ގޮތުގައި މިދުވަސް ފާހަގަކުރަނީ، ދިވެހި ޤައުމުގެ އެންމެހައި މުވާޠިނުން ޤައުމީ އަބްޠާލުންގެ ޒިކުރާ އަމަލީގޮތުން ދިރުވުމުގެ ހިތްވަރު ލިބިގަތުމަށާއި، އެއަބްޠާލުން ގެނެސްދެއްވި މިނިވަންކަމާއި، ޤައުމިއްޔަތު ދެމެހެއްޓުމުގެ ޢަޒުމާއި ޖޯޝް ދިވެހި ހިތްތަކުގައި ދިރުވައި ދެމެހެއްޓުމުގެ ގޮތުންނެވެ.

ހުރަވީ ދުވަހާ ގުޅުވައިގެން ސްކޫލްތަކުގައި ކުރިއަށްގެންދަން ރާވާފައިވާ ޙަރަކާތްތަކަށް ބަލާއިރު ހުރިހާ ކޮލެޖް، ޔުނިވަރސިޓީ އަދި ސްކޫލުތަކުގައި ދިވެހި މާއްދާ ކިޔަވައިދޭ ގަޑިތަކުގައި ހުރަވީ ދުވަހާ ގުޅޭ މަޢުލޫމާތު ދިނުން ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖައްސާފައެވެ. އަދި ރޭޑިޔޯއާއި ޓީވީޗެނަލްތައް މެދުވެރިކޮށް ދުވަހާ ގުޅޭ ޚާއްސަ ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާއިރު މި މަހުގެ 24ވަނަ ދުވަހު ހުރަވީ ދުވަހާ ގުޅޭ ޚާއްސަ ބަހުސްއެއްވެސް ކުރިއަށް ގެންދާނެކަަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ހުރަވީ ދުވަހުގެ ނަމުގައި ދުވަހެއް ފާހަގަކޮށްފައިވަނީ ހިޖުރައިން 1400 ވަނަ އަހަރުގެ ޖުމާދަލްއާޚިރާ މަހުގެ 3 ވަނަ ދުވަހެވެ. އެއީ 18 އޭޕްރީލް 1980 ވަނަ ދުވަހެވެ. ހުރަވީ ދުވަސް ނިޞްބަތްވާ ބަޠަލަކީ އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީން(1)އެވެ.