ކުޅިވަރު

ވިދިވިދިގެން 10 ވަނަ މޮޅު، ބަޔާންގެ ލީޑް 21 ޕޮއިންޓަށް!


މެޗުގެ އިތުރު ވަގުތުގައި ލެވަންޑޯސްކީ ކާމިޔާބުކޮށްދިން ޕެނަލްޓީއާއެކު ބަޔާން މިޔުނިކުން ޖަރުމަން ލީގުގައި ޖެހިޖެހިގެން ކުޅުނު 10 ވަނަ މެޗުވެސް ކާމިޔާބުކޮށްފިއެވެ.

ޖަރުމަން ބުންޑަސް ލީގާގައި ރޭ ބަޔާން މިޔުނިކް އާއި ވޮލްފްސްބަރގް ބައްދަލުކުރި މެޗު ބަޔާން ކާމިޔާބުކުރި ދޭއް އެކަކުންނެވެ.

މިމެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ ވޮލްފްސްބަރގްއެވެ. މި ލަނޑު މެޗުގެ އަށްވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޑެނިއެލް ޑިދާވިއެވެ.

މެޗުގެ 55 ވަނަ މިނެޓުގައި ބަޔާންއަށް ލިބުނު ޕެނަލްޓީ ތަޖްރިބާކާރު ފޯވާޑް އާރްޔަން ރޮބެން އަތުން ވަނީ މިސް ވެފައެވެ. އެހެންނަމަވެސް މެޗުގައި ބަޔާންއަށް ނަތީޖާ ހަމަ ހަމަކޮށްދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާކޮށްފައިވަނީ ރޮބެންއެވެ. 64 ވަނަ މިނެޓުގައި ބަޔާންގެ ފޯވާޑް ސަންދްރޯ ވެގްނަރ ކާމިޔާބުކޮށްދިން ލަނޑުގައި ފުރުޞަތު ތަނަވަސްކޮށްދިނީ ރޮބެންއެވެ.

އަދި މެޗުގެ އިތުރު ވަގުތުގައި ބަޔާންއަށް ލިބުނު ޕެނަލްޓީއަކީވެސް ރޮބެންއަށް ކުރި ފައުލް އަކާއި ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ. މި ޕެނަލްޓީ ކުރިއަށް ފޮނުވާލީ ދެވަނަ ހާފްގެ މެދުތެރޭގައި ކުޅެން ނިކުތް އިތުބާރު ފޯވާޑް ރޮބާޓް ލެވަންޑޯސްކީއެވެ.

ޖެހިޖެހިގެން ހޯދި 10 ވަނަ މޮޅާއެކު ބަޔާން މިހާރު ވަނީ ޖަރުމަން ލީގު ތާވަލްގެ އެންމެ ކުރިން އެކާވީސް ޕޮއިންޓުގެ ލީޑެއް ނަގާފައެވެ.