ކުޅިވަރު

" ސައްޔިދު ހަސަން ފަދަ ސްޕޯރޓްސްމަނެއް ރާއްޖޭގައި އަދި ނުއުފެދޭ "


ޤައުމީ ފުޓްބޯޅަ ކެޕްޓަން އަލީ އަޝްފާގް ނުވަތަ ދަގަނޑޭ މަދުރަސީ ހަޔާތާ ވަކިވީ އޭނާގެ ކުޅިވަރުގެ ހަޔާތް ޖަރީކުރުމަށްޓަކައެވެ. 

ދެހާހުގެ ފުރަތަމަ އަހަރު އަޝްފާގް ގެންގުޅުނު މިފަދަ ވިސްނުމެއް 1970ގެ ކުރީކޮޅު ރާއްޖޭގެ އެއްވެސް މީހެއްގެ ވިސްނުމުގައި ހުރެދާނެ ކަމަށް އޭރު ހިޔާލަށް ވެސް ގެނައުމަކީ ދަތި ކަމެކެވެ. ނަމަވެސް އަޅުގަނޑުމެން އެންމެނާ ތާއަބަދަށް ވަކިވެދިޔަ ދިވެހި ކުޅިވަރު ލެޖެންޑް ސައްޔިދު ހަސަނަކީ ވެސް މިފަދަ ވިސްނުންތަކެއް ކުރިއަށް ނެރުއްވައި ކުޅިވަރުގައި ކާމިޔާބު ހޯއްދެވި ނަމޫނާ ކުޅުންތެރިއެކެވެ. 

ސައްޔިދު ހަސަން އޭނާގެ މަދުރަސީ ހަޔާތް ނިންމަވާލައްވަން ގަސްތު ކުރެއްވީ 1973 ވަނަ އަހަރު ޗައިނާގައި ބޭއްވި ޓީޓީ މުބާރާތަށް ދިއުމަށް ޕްރެކްޓިސް ކުރުމަށެވެ. އޭގެ ކުރިން ރާއްޖޭގެ ޓީމެއް ބޭރުގެ މުބާރާތަކަށް ގޮސްފައިނުވާތީ އެ ޝަރަފު ހޯދަން ސައްޔިދު ހަސަން އިސްނެންގެވީ ވަކި ފެންވަރަކަށް ޕްރެކްޓިސް ކޮށްގެން ނޫނީ މުބާރާތަށް ނުދެވޭގޮތަށް އޮތުމުންނެވެ. މިހެންވެ އޭނާގެ ހުރިހާ ވަގުތެއް ޕްރެކްޓިހަށް ހުސްކުރެއްވީ އެކަމުގެ މުހިންމުކަން އެހެން ކުޅުންތެރިންނަށް ވިސްނައިދިނުމުގެ ގޮތުންނެވެ. ހިތްވަރާއެކު ފެއްޓެވި އެ ޓާގެޓް ހާސިލްކުރައްވައި އޭޝިއަން، އެފްރިކަން އިންވިޓޭޝަނަލް މުބާރާތުގައި އޭނާއާއެކު ބައިވެރިވި ޖުމުލަ ތިން މެމްބަރުންގެ ޓީމުން ކުވޭތު ބަލިކުރުން ވެގެންދިޔައީ ދިވެހި ކުޅިވަރުގެ ތާރީހުގައި ބޭރު ގައުމެއް ބަލިކުރި ފުރަތަމަ ފަހަރަށެވެ. މި ކާމިޔާބީގެ ފަހަތުގައި ހުންނެވި މި އަގުހުރި ޝަހުސިއްޔަތު އަޅުގަނޑުމެންނާ ތާއަބަދަށް ވަކިވެދިޔައިރު އޭނާ އަކީ ރާއްޖޭގެ ގިނަ ކުޅިވަރުތަކެއްގެ ޗެމްޕިއަނެކެވެ. 

ޓީޓީގެ ޗެމްޕިއަންކަން ޖެހިޖެހިގެން ހަ ފަހަރު ހޯއްދެވިއިރު، ވޮލީ އާއި ހޮކީ އަދި ބައިސްކަލް ރޭސް ތިން ފަހަރަށް ވުރެ ގިނައިން ހޯއްދެވިއެވެ. 1977ވަނަ އަހަރުގެ ފުޓްބޯޅައިގެ އެންމެ މޮޅު ފޯވަޑަކީ ވެސް އޭނާއެވެ. ވިކްޓަރީ އާއި މޫން ސްޕޯޓްސް ކުލަބަށް ކުޅުއްވިއިރު ހޮކީގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމް ވެސް އެތައް ފަހަރަކު ވަނީ ހާސިލްކުރައްވާފައެވެ. 

img:http://s3.psmnews.mv/images/660x400/15189289297555.jpg|ސައްޔިދު ހަސަން މުބާރާތެއް ކާމިޔާބުކުރެއްވުމަށްފަހު ޓީމްގެ ކުޅުންތެރިންނާއެކު

ކުޅިވަރުގެ ހަޔާތް މާދިގު ނުވި ނަމަވެސް ސައްޔިދު ހަސަން ކުޅިވަރު ދަނޑުތަކާ ވަކިވެދިޔައީ ވެސް އާދަޔާ ހިލާފު މަސައްކަށްތަކަކަށެވެ. 1978ގައި ކުޅުންތެރިއެއްގެ ޖާޒީ ބޭލެއްވުމަށް އޭނާ ގަސްތު ކުރެއްވީ ކަނޑުދަތުރު ކުރާ ބޯޓެއްގެ ފަޅުވެރިއެއްގެ ގޮތުގައި ދަތުކުރެއްވުމަށް ގަސްތު ކުރައްވައިގެންނެވެ. އޭނާގެ ރިޓަޔާމެންޓް ވެސް އޭރުގެ ކުޅުންތެރިން ފާހަގަކުރިއެވެ. އެއީ ހާއްސަ ވޮލީ މެޗަކުންނެވެ. 

ސައްޔިދު ހަސަން ނިޔާވުމާއި ގުޅިގެން އޭނާއާއެކު ގިނަ އަހަރުތަކެއްގައި ކުޅުއްވި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާއީލް ވިދާޅުވީ އެއީ ރާއްޖޭގައި ކުޅޭ ހުރިހާ ކުޅިވަރެއް އެންމެ މަތީގައި ކުޅުއްވި ކުޅިވަރުގެ ލެޖެންޑެއްކަމަށެވެ. އިބްރާހީމް އިސްމާއީލް ވިދާޅުވީ މިއީ ރާއްޖޭގެ ކުޅިވަރަށް ހިތާމަވެރި ދުވަހެއްކަމަށާއި، އެފަދަ ސްޕޯރޓްސްމަނެއް ރާއްޖޭގައި އަދި ނުއުފެދޭކަމަށެވެ.

ދިވެހި ކުޅިވަރުގެ ހަޔާތުގައި ސައްޔިދު ހަސަނާއި އޭނާ ދެއްކެވި ސާބިތުކަން އަބަދުމެ ދެމިހުންނާނެކަމީ ޔަގީންކަމެކެވެ. ސައްޔިދު ހަސަނަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މާތްﷲ މިނަވްރު ކުރައްވާށިއެވެ.