ޚަބަރު

އަމޯރް އޭޝިއާ ޕެސިފިކް ފޯރަމްގައި ރާއްޖެ ބައިވެރިވެއްޖެ


ބެންކޮކްގައި ކުރިޔަށްދިޔަ އަމޯރް އޭޝިއާ ޕެސިފިކް ފޯރަމްގައި ރާއްޖެ ތަމްސީލްކޮށްފިއެވެ. 

މޯލްޑިވްސް މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމް.އެމް.ޕީ.އާރު.ސީން ބުނީ ބެންކޮކްގެ މެރިއޮޓް މާކުއީ ކުއިންސް ޕާރކްގައިކުރިޔަށް ގެންދިޔަ ތިން ދުވަހުގެ ފޯރަމްގައި ރާއްޖެ ތަމްސީލް ކޮށްފައިވާނީ ދުނިޔޭގައިވެސް ރާއްޖެ މަޝްހޫރުވެފައިވާ ރޮމޭންޓިކް ފަތުރުވެރިކަމުގެ މަންޒިލެއްގެގޮތުންކަމަށެވެ. 

އަމޯރް އޭޝިއާ ޕެސިފިކް ފޯރަމަކީ ދުނިޔޭގައިވެސް ހުރި އެންމެމަޤްބޫލް ލޯބިވެރިންގެ މަންޒިލްތައް ތަމްސީކުރުމަށް ޚާއްސަ ފޯރަމެއްގެ ގޮތުގައެވެ. މިފޯރަމްގައި ބައިވެރިވުމަށް ރާއްޖެއަށް ދަޢުވަތު ދީފައިވަނީ މިއަހަރު އަމޯރްއޭޝިއާ ޕެސިފިކް ފޯރަމް އިންތިޒާމްކުރި ބިގް ވޯލްޑްވައިޑް ލިމިޑެޓުންނެވެ. އެމް.އެމް.ޕީ.އާރު.ސީންބުނީ މިފޯރަމްގެ ތެރެއިން ރާއްޖޭގައި ޖޮއިންޓް ކެންޕެއިން ކުރެވޭނެ ފަތުރުވެރިކަމުގެ ކުންފުނިތަކާއެކު މަޝްވަރާތައް ކުރިޔަށް ގެންދެވިފައިވާކަމަށެވެ. އަދި މިފޯރަމްގެ ޒަރިއްޔާއިން ދުނިޔޭގައިވެސް އެންމެ ރޮމޭންޓިކް އެއް މަންޒިލެއްގެގޮތުގައި މަޝްހޫރުވެފައިވާ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޢަދަދު އިތުރުވެގެންދާނެކަމަށެވެ.