ޤައުމުގެ އަމަން އަމާންކަން ނަގާލާ ހަމަނުޖެހުން އުފައްދާ ފަރާތްތަކާމެދު ވަގުތުން ވަގުތައް ޤާނޫނީ ފިޔަވަޅުއެޅުމަށް ސަލާމަތީބާރުތަކަށް ވެރިކަންކުރާ މައި ޕާޓީ ޕީޕީއެމުން ގޮވާލައިފިއެވެ.
ނޫސްވެރިންނަށް މަޢުލޫމާތުދެމުން ޕީޕީއެމްގެ ނައިބްރައީސް އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވީ، ދައުލަތާއި ރައްޔިތުންގެ މުދަލަށް ގެއްލުންދީ ތަންތަނުގައި ރޯކުރުމަށް ބައެއް ފަރާތްތަކުން ރާވަމުންދާކަމުގެ ޚަބަރުތައް ފެތުރެމުންދާކަމަށެވެ. އެހެންކަމުން މިއީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދައި ޤައުމުގެ އަމަން އަމާންކަން ނަގާލަން ބަޔަކު ރާވަމުންދާ ކަންތައްތަކެއްކަމުން އެފަދަ ފަރާތްތަކާމެދު ވަގުތުން ވަގުތަށް ޤާނޫނީ ފިޔަވަޅު އަޅަންޖެހޭކަމަށެވެ. ޢަބްދުއްރަހީމް ވިދާޅުވީ، ރައްޔިތުންނައް ގެއްލުންވާފަދަ އެއްވެސްކަމެއް ކުރުމަށް ސަރުކާރާއި ދިފާއީ ބާރުތަކުން ފުރުޞަތު ނުދޭނެކަމަށެވެ.
އަބްދުއްރަޙީމް ވިދާޅުވީ މީގެ ކުރިން ޕީޕީއެމުންވެސް ކުރީގެ ސަރުކާރުތަކުން ކުރަމުންދިޔަ ނޭދެވޭ ކަންކަމާ ދެކޮޅަށް އެއްވުންތައް ބޭއްވިކަމަށާއި، ނަމަވެސް އެއްވެސް އިރެއްގައި ރައްޔިތުންނާއި ރައްޔިތުންގެ މުދަލަށް ގެއްލުން ދީފައި ނުވާނެކަމަށެވެ. ނަމަވެސް މިހާރު ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މުޒާހަރާތަކުގައި ތަންތަނުގައި ހުޅުޖެހުމާއި، އެކިއެކި ހަމަނުޖެހުންތަކުގައި ރައްޔިތުންނާއި ރައްޔިތުންގެ މުދަލަށް އެތައް ގެއްލުންތަކެއް ދެމުން ގެންދާކަމަށެވެ. އޭނާ ވިދާޅުވީ މިއީ ބައެއްގެ އަމިއްލައެދުން ކުރިއަށް ނެރެގެން ރައްޔިތުންލައްވާ ކުރަމުންދާ ޢަމަލުތަކެއްކަމަށެވެ.
ޖަލު ހުކުމް ތަންފީޒްކުރަމުންދާ ބައެއް ކުއްވެރިންނާއި އެކި ކަންކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިތިބި ބައެއް ފަރާތްތައް ދޫކޮށްލުމަށް އިދިކޮޅު ފަރާތްތަކުން ގޮވާލަމުންދާ ގޮވާލުމަށް ރައްދުދެއްވަމުން އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވީ އެމީހުންނަކީ ކުއްވެރިންގެ ގޮތުގައި ހައްޔަރުކޮށްފައި ތިބި ބައެއްކަމަށާއި، ސިޔާސީ ކުއްވެރިންކަމަށްބުނެ އެމީހުން ދޫކޮށްލާނަމަ، އެހެން ކުށްތަކުގައި ޖަލަށް ލާފައިތިބި މީހުންވެސް ދޫކޮށްލަންޖެހޭނެކަމަށެވެ.