ޚަބަރު

ޙުތުބާގައި ޝަރީޢަތާ ޚިލާފު ވާހަކައެއް ނުހުންނާނެ - މިނިސްޓަރ


ހުކުރު ޚުޠުބާގައި އިސްލާމީ ޝަރީޢަތާ ޚިލާފު އެއްވެސް ވާހަކައެއް ހިމަނާފައި ނުވާނެ ކަމަށާއި، މި ހަފްތާގެ ޙުޠުބާއަކީ މުޖުތަމަޢުގެ މިއަދުގެ ޙާލަތާ ގުޅޭ ޙުތުބާއެއްކަމަށް އިސްލާމިކް މިނިސްޓަރ ވިދާޅުވެއްޖެއެވެ.

މީޑިއާއަށް މަޢުލޫމާތުދެއްވަމުން އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒިޔާދު ވިދާޅުވީ، ހުކުރު ޙުޠުބާގައި ބަޔާންކޮށްދީފައިވަނީ ޙާކިމާއަށް ކިޔަމަންވުމުގެ މުހިންމުކަމުގެ ވާހަކަކަމަށެވެ. ކީރިތި ޤުރުޢާނާއި ރަސޫލާގެ ސުންނަތުން ދަލީލުދައްކައި އެވާހަކަތައް ޚުޠުބާގައި ތަފްސީލު ކޮށްދީފައިވަނީ، މި ދަނޑިވަޅަކީ ރާއްޖޭގެ ޤާނޫނީ ވެރިކަން، ޤާނޫނާ ޚިލާފަށް ވައްޓާލުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ދަނޑިވަޅަކަށް ވާތީ ކަމަށެވެ. އަދި ހުކުރު ޙުޠުބާއަކީ އެދުވަސްވަރެއްގައި މުޖުތަމަޢުގައި ހިނގާ ކަންކަމާ ގުޅޭގޮތުން އެކުލަވާލާ އެއްޗެއްކަމުން، މިއަދު ޙާލަތާ ޙުޠުބާއާ ގުޅޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިއަދުގެ ހުކުރު ޙުތުބާއާގުޅިގެން ޢާންމުން ވަރަށް ބޮޑަށް އެވާހަކަތައް ދައްކަމުންދާ ދިއުމަކީ ހެޔޮފާލެއްކަމަށާއި، މިކަމުން ދައްކުވައިދެނީ ވަރަށް ގިނަބަޔަކު ހުޠުބާއަށް ސަމާލުކަންދީ އަޑުއަހާކަންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިސްލާމް ދީނާއި، ސިޔާސަތަކީ ގުޅި ލާމެހިފައިވާ އެއްޗެއްކަމަށާއި، ވެރިންނަށް ކިޔަމަންވުމަކީ އިސްލާމީ ވެރިކަމުގެ ނިޒާމުގެ ހަމައެއްކަން ޚުޠުބާގައި ތަފްސީލުކޮށްދީފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ޙުތުބާގައި ޙަޤީޤަތާ ޚިލާފު އެއްވެސް ވާހަކައެއް ނުވަތަ އޮޅުވާލުމެއް ނުހިމެނޭކަން މިނިސްޓަރ ކަށަވަރުކޮށްދެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، ޙާކިމާއަށް ކިޔަމަންވުމާ ގުޅޭގޮތުން ޤުރުޢާނާއި ސުންނަތުގައި އައިސްފައިވާ ޢާޔަތްތައް ޙުތުބާގައި ހިމެނުމަކީ ޙުތުބާ ސިޔާސީ ވުން ނޫންކަމަށެވެ. އަދި ޙުތުބާގައި ރައީސް ޔާމީންގެ ނަންވެސް ހިމަނާފައި ނުވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިކަން ސިޔާސީ ކުރުމަށް ބަޔަކު މަސައްކަތް ކުރަމުންދަނީ އަމިއްލަ މަޤްޞަދެއް ޙާސިލް ކުރުމަށްކަމަށާއި، ބައެއް ޢިލްމުވެރިން މިކަމާ ހިތްހަމަ ނުޖެހުން ފާޅުކުރަމުންދަނީ ޝައިޚް އިމްރާން ޖަލުގައި ހުރުމުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޚުޠުބާގައި އިސްލާމީ ޝަރީޢަތާ ޚިލާފު އެއްވެސް ވާހަކައެއް ހިމަނާފައި ނުވާނެކަން މިނިސްޓަރ ވަނީ ތަކުރާރުކޮށް ފާހަގަކުރައްވާފައެވެ.

މި ހަފްތާގެ ހުކުރު ޚުޠުބާ ޚާއްޞަކޮށްފައިވަނީ، އިސްލާމީ ދައުލަތެއްގައި ޙާކިމާއަށް ކިޔަމަން ވުމުގެ މައްޗަށެވެ. ޙުތުބާގައިވަނީ އިސްލާމް ދީނުގައި ޙާކިމާއަށް ކިޔަމަންވުމުގެ މައްޗަށް އައިސްފައިވާ ޢާޔަތްތަކާއި، ސުންނަތުން މިކަމާގުޅޭ ދަލީލުތައް ތަފްސީލުކޮށްދީފައެވެ.