ޚަބަރު

މުރަކައިންދުމުގެ ޕްރޮގްރާމެއް ވެލާ ރިޒޯޓުން ކުރިޔަށް ގެންގޮސްފި


ކަނޑުފަޅުތަކުގެ ދިރުން އާލާކުރުމަށް ކުރިޔަށް ގެންދާ ޚާއްޞަ ޕްރޮގްރާމެއްގެ ދަށުން ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓުގެ މެރިން ބައޮލޮޖީ ޓީމުން އެރިޒޯޓުގެ ފަޅުތެރޭގައި 1000 މުރަކަ އިންދައިފިއެވެ.

ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓުން ބުނީ މިއީ އެރިސޯޓުން ތިމާވެށި ޙިމާޔަތްކުރުމުގެ މަޤްސަދުގައި ކުރިޔަށް ގެންދާ ޚާއްޞަ ޕްރޮގްރާމެއްކަމަށެވެ. އަދި ރިސޯޓުގެ ފަޅުތެރޭގައި އިންދާފައިވާ މުރަކަތަކަކީ އެރިސޯޓުގެ ނާސަރީގައި ދިރުވާފައިވާ މުރަކަތަކެއްކަމަށެވެ. ރާއްޖޭގެ ކަނޑުގެ ދިރުން އާލާކުރުމުގެ މަސައްކަތަކީ ގިނަ ރިޒޯޓުތަކަކުން އިޖުތިމާޢީ ޙައިޞިއްޔަތަކުން ކުރާ މަސައްކަތެކެވެ. މީގެ ކުރިންވެސް ވެލާ ރިޒޯޓުން ވަނީ މިފަދަ ގިނަ ޕްރޮގްރާމްތަކެއް ހިންގާފައެވެ. އަދި މިއީ އެރިސޯޓާ، ރިސޯޓުގެ ވަށައިގެންވާ ތިމާވެށި ވީހާވެސް ރައްކާތެރިކޮށް މުއްސަނދިކުރުމުގެ މަޤްސަދުގައި ކުރާ މަސައްކަތެއްކަމަށް އެރިސޯޓުން ބުނެއެވެ. މިފަހަރު ފަޅުތެރޭ އިންދާފައިވާ މުރަކަތަކަކީ އެރިޒޯޓުގެ ނާރސަރީގައި 2 އަހަރު ވަންދެން އާލާކޮށްފައިވާ މުރަކަތަކެކެވެ. ރާއްޖޭގެ ކަނޑުތަކުގެ ރީތިކަމަކީ ފަތުރުވެރިން މިޤައުމަށް ޒިޔާރަތްކުރާ އެންމެ ބޮޑު އެއް ސަބަބެވެ. 

ނަމަވެސް ތިމާވެއްޓަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ކޮރަލް ބްލީޗިން އަދި ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން ޤުދުރަތީގޮތުން އުފެދިފައިވާ މުރަކަތަކާ ކަނޑުގެ ދިރުންތަކަށްވަނީ ވަރަށްބޮޑަށް ގެއްލުންލިބެންފަށާފައެވެ.