ޚަބަރު

ޓައިނީ ހާޓްސްގެ ޕްރޮގްރާމް ނިންމާލައިފި


އުފެދުމުގައި ހުންނަ ހިތުގެ ބަލިތަކަށް މީހުން ހޭލުންތެރިކުރުމުގެ ގޮތުން ޓައިނީ ހާރޓްސް އޮފް މޯލްޑިވްސް އިން އަމީރު އަހުމަދު ސްކޫލްގެ ޓީޗަރުންނަށް ޚާއްޞަކޮށްގެން ކުރިޔަށް ގެންދިޔަ ޕްރޮގްރާމް ނިންމާލައިފިއެވެ. 

 އުފެދުމުގައި ހުންނަ ހިތުގެ ބަލިތަކަށް ޢާއްމުން ހޭލުންތެރިކުރުވަން މަސައްކަތްކުރާ އަމިއްލަ ޖަމްޢިއްޔާ ޓައިނީ ހާރޓްސް އޮފް މޯލްޑިވްސްއިން އިސްނަގައިން ކޮންޖިނިއަލް ހާރޓް ޑިޒީޒްއަށް މީހުން ހޭލުންތެރިކުރުމުގެ މަސައްކަތް ޤައުމީ ފެންވަރެއްގައި ފަށާފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ. މިހަރަކާތްތަކުގެ ތެރެއިން ކޮންމެ އަހަރަކުވެސް ޓައިނީ ހާރޓްސްއިން ދަނީ ވިހެއުމުގައި ތުއްތު ދަރިފުޅަށް ޖެހިދާނެ ހިތުގެ ބަލިތަކަށް ހޭލުންތެރިކަން އިތުރުކުރުމުގެ ޚާއްސަ ޙަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންނެވެ.

މިކަމުގެ ދަށުން ފެބްރުއަރީ މަހުގެ 7 އިން 14އަށް އަމީރު އަޙްމަދު ސްކޫލްގެ ޓީޗަރުންނަށް ވަނީ މަޢުލޫމާތު ދީފައެވެ. ޚާއްސަކޮށް، ޕްރީ ސްކޫލާއި ޕްރައިމަރީ ދަރިވަރުންގެ މެދުގައި ކަސްރަތުގެ އާދަކާދަ ދެމެހެއްޓޭނެ ގޮތްތަކާއި ކަސްރަތުން ސިއްޙަތައް ކުރާ ފައިދާތަކާ ބެހޭ ގޮތުން މަޢުލޫމާތުދީފައެވެ. އަދި ހިތުގެ އެހެނިހެން ބަލިތަކުން ސަލާމަތްވުމަށް ކުދިންނަށް ކަސްރަތުގެ ރަނގަޅު އާދަކާދަ ދަސްކޮށްދިނުމަށް ބާރުއެޅޭނެ ގޮތްތަކާ ބެހޭ ގޮތުން ޓީޗަރުންނަށް ބުނެދީފައިވެއެވެ.

އަމީރު އަޚްމަދު ސްކޫލްގައި ކުރިޔަށް ގެންދިޔަ ޕްރޮގްރާމާ ބެހޭ ގޮތުން ވާހަކަދައްކަމުން އެސްކޫލްގެ ޓީޗަރެއް ބުނިގޮތުގައި މިޕްރޮގްރާމްގެ ސަބަބުން ކަސްރަތުކުރުމަށް ކުދިންގެ ހިތްތަކުގައި ޝައުޤުވެރިކަން އިތުރުކުރެވޭނެ ގޮތްތައް އެގިގެން ދިޔަކަމަށެވެ.

ޓައިނީ ހާރޓްސް އޮފް މޯލްޑިވްސްއިން ބުނީ އެޖަމްޢިއްޔާގެ މަޤްސަދަކީ ފަންޑިން ލިބޭ ވަރަކުން ވީހާވެސް ގިނަ ސްކޫލްތަކުގައި އުފެދުމުގައި ހުންނަ ހިތުގެ ބަލިތަކާއި މިކަމުން ރައްކާތެރިވުމަށް ކުރެވޭނެ ކަންތައްތަކަށް އާންމުން ހޭލުންތެރިކުރުވުންކަމަށެވެ. މިގޮތުން މިއަހަރުގެތެރޭގައި ލާމުއަތޮޅުގެ ހުރިހާ ސްކޫލެއްގައި އަދި ކުޅުދުއްފުށީގައި މިފަދަ ހަރަކާތްތައް ކުރިޔަށް ގެންދާނެކަމަށް ޓައިނީ ހާރޓްސްއިން ބުނެއެވެ.