މުނިފޫހިފިލުވުން

އައިޑަލް ސީޒަން 3 : ފުރަތަމަ ޝޯވއާއެކުވެސް ތަޢުރީފުގެ ބަސްތައް!


މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ ފުރަތަމަ ޝޯވއާއެކުވެސް، މިފަހަރުގެ ސީޒަންގެ ތަފާތުކަމާއި، ޝޯވގެ ފުރިހަމަކަމާމެދު ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ދަނީ ޝުޢޫރުތައް ފާޅުކުރަމުންނެވެ. ރާއްޖޭގެ އެންމެ ކާމިޔާބު ރިއަލިޓީ ޝޯވ މޯލްޑިވިއަން އައިޑަލްގެ ތިންވަނަ ސީޒަންގެ ފުރަތަމަ ޝޯވ ރޭ ޓީވީއެމުން ގެނެސްދީފައިވާއިރު، ބެލުންތެރިންނަށް ހައިރާންކަން ގެނުވި ގިނަ ކަންތަތަކެއް ރޭގެ ޝޯވއިންވެސް ފެނިގެންގޮސްފައިވެއެވެ.

މިއުޒިކާއި، އެންޓަޓެއިންމަންޓްގެ ދާއިރާއަށް ލޯބިކުރާ ފަރާތްތަކަށް އެންމެ ޚާއްސަ އެއް ޝޯވއަކީ މޯލްޑިވިއަން އައިޑަލެވެ. އަދި މިއީ މިއުޒިކްގެ ދާއިރާއިން ވަކިން ޚާއްސަކޮށް ލަވަކިޔުމުގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ޒުވާން ހުނަރުވެރި ފަރާތްތަކަށް ރާއްޖޭގައި މިވަގުތު ހުޅުވިފައި އޮތް އެންމެ ބޮޑު ޕްލެޓްފޯމްވެސްމެއެވެ. އެހެންކަމުން އައިޑަލްގެ ޝޯވތަކަށް އިންތިޒާރުކުރަމުންދިޔަ ބައިވެރިންނާއި، އަދި ބެލުންތެރިންވެސް ރާއްޖޭގައި މަދެއްނޫންނެވެ.

މޯލްޑިވިއަން އައިޑަލްގެ ކާމިޔާބު 2 ސީޒަނަކަށްފަހު، ތިން ވަނަ ސީޒަންވެސް ބެލުންތެރިންނާއި ބައްދަލުކުރީ ބޮޑެތި ސަޕްރައިޒްތަކަކާއި، ބަދަލުތަކަކާއެކުއެވެ. އަދި ޝައުގުން ފުރިގެންވާ ހިތްގައިމު ރަހަތަކެއް މިފަހަރުގެ ސީޒަނުންވެސް ފެނިގެންދާނެކަމަށް އައިޑަލްގެ ޕްރޮޑަކްޝަން ޓީމުން ބުނެއެވެ.

އައިޑަލް ސީޒަން ތިނެއްގައި ފެނިގެންދިޔަ މައިގަނޑު ބަދަލުތަކުގެ ތެރޭގައި ޝޯވގެ ފިރިހެން ހޯސްޓެއްގެ ގޮތުގައި މިދިޔަ 2 ސީޒަންގައިވެސް ފެނިގެންދިޔަ މޫސާ ވަސީމާއެކު މިފަހަރުގެ ސީޒަންގައި އަންހެން ޕްރެޒެންޓަރެއްގެ ގޮތުގައި ބެލުންތެރިންނާއި ބައްދަލުކުރީ ޝައިނާ ޝަރީފެވެ. މީގެ އިތުރުން ޖަޖުންގެ ޕެނަލުން މިދިޔަ 2 ސީޒަންގައިވެސް ފެނިގެންދިޔަ ބައެއް މޫނުތަކުގެ އިތުރުން މުޅިން އަލަށް ޒާރާ މުޖުތަބާ ވަނީ ޖަޖުންގެ ޕެނަލާއި ގުޅިފައެވެ. މިއީވެސް މި ޝޯވ އިތުރަށް ކޮލެޓީވެ، ބައިވެރިންނަށްވެސް އިތުރު ޗެލެންޖެއް ގެނުވާނެކަމެއްކަން ޔަޤީންނެވެ. ސަބަބަކީ ކުރީގެ 2 ސީޒަނާއި ޚިލާފަށް މިފަހަރުގެ ސީޒަންގައި ކުރިއަށްހުރި ރައުންޑްތަކަށް ދަތުރުކުރުމަށް ޖަޖުންގެ ޕެނަލުން މަދުވެގެން 3 ޖަޖުންގެ އާނ ބަސް ހޯދަންޖެހުމެވެ.

އައިޑަލްގެ މިފަހަރުގެ ސީޒަނަށް ކުރިމަތިލި ބައިވެރިންގެ ތެރެއިން މާލޭ ސިޓީގެ އޮޑިޝަންތަކުގެ ފުރަތަމަ ޝޯވގައި މީގެތެރެއިން ބައެއް ބައިވެރިންނަށް ހިތްދަތިކަމާއި ނާކާމިޔާބީއާއި ކުރިމަތިލާންޖެހުނު އިރު، ގޯލްޑަން ޓިކެޓާއެކު ކުރިއަށް އޮތް ރައުންޑަށް ދަތުރުކުރުމުގެ ފުރުޞަތު ލިބުނު ބައިވެރިންގެ ޢަދަދުވެސް ވަކި މަދެއްނޫންނެވެ. ހުނަރާއި ފަންނުވެރިކަން ދައްކައި، މި ބައިވެރިންތައް ތިއޭޓަރ ރައުންޑަށް ދަތުރުކޮށްފައިވަނީ މި ޝޯވގެ ޖަޖުންނާއި ބެލުންތެރިންގެ މޫނުމައްޗަށްވެސް ހިނިތުންވުމާއި އުފާވެރިކަން ގެނުވާފައެވެ.

tw:https://twitter.com/Maldivian_Idol/status/964217483875020800

މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ ފުރަތަމަ ޝޯވއިން ބެލުންތެރިންގެ ލޮލުގައި އެންމެ ބޮޑަށް އަޅައިގެން އެއް ބައިވެރިއަކީ އައްޑޫސިޓީ މަރަދޫއަށް އުފަން، އުމުރުން 16 އަހަރުގެ އައިމިނަތު ސައިނާ މުހައްމަދު ރަޝީދެވެ. ލަވަ މުބާރާތްތަކާއި، މަދަހަ މުބާރާތްތަކުންވެސް ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ސައިނާއަށް މިފަހަރުގެ އައިޑަލް ވަރަށްވެސް ޚާއްސައެވެ. ސަބަބަކީ ރައްޓެހިންނާއި އާއިލާގެ އެދުމުގެ މަތިން އައިޑަލްގެ އޮޑިޝަންގައި ބައިވެރިވި ފުރަތަމަ ފަހަރުވެސް ގޯލްޑަން މައިކް ޙާސިލްކުރި ފުރަތަމަ ބައިވެރިއަކަށް ސައިނާވުމެވެ. އައިޑަލްގެ މުބާރާތަށް މުޅިން އަލަށް ތަޢާރަފުކުރި ގޯލްޑަން މައިކާއެކު، ތިއޭޓަރ ރައުންޑްގެ ގްރޫޕް ޕަރފޯމަންސްއަށް ނުގޮސް ސީދާ ސޯލޯ ޕަރފޯމަންސްއަށް ދަތުރުކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

tw:https://twitter.com/Maldivian_Idol/status/964220627015135233

ކޮންމެއަކަސް މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ ފުރަތަމަ ޝޯވއާއެކު، އައިޑަލްގެ ވާހަކަ އަނެއްކާވެސް މިވަނީ ސޯޝަލް މީޑިއާގައި ހަރުއަޑުން ދައްކަން ފަށާފައެވެ. ކޮންޓެސްޓުންގެ ފޭން ޕޭޖްތަކާއި، ޓުވިޓަރ ހޭޝްޓެގްތަކާއެކު އައިޑަލްގެ ފޯރި މިވަނީ ކުރީގެ ސީޒަންތަކެކޭ އެއްގޮތަށް ވައިގައި ހިފަންފަށާފައެވެ. ކުރިއަށްވެސް ފޯރިގަދަ ޝޯވތަކެއް އޮތީއެވެ.