ޚަބަރު

އެލައިޑް އިންޝުއަރެންސުން ގިފްޓް ވައުޗަރެއް ތަޢާރަފްކޮށްފި


އެލައިޑް އިންޝުއަރެންސުން ގިފްޓް ވައުޗަރެއް މިއަދު ތަޢާރަފްކޮށްފިއެވެ.

އެކުންފުނީގެ އިންޝުއަރެންސް އަދި އެލައިޑް އިސްލާމިކް ވިންޑޯއާއި، އަޔާދީ ތަކަފުލްގެ ޕްރޮޑަކްޓްތައް ގަނެވޭގޮތައް ތަޢާރަފް ކުރި މި ގިފްޓް ވައުޗަރ ބޭނުންކޮށްގެން ތިން ޕްރޮޑަކްޓެއް ގަނެވޭނެ އިންތިޒާމް އެލައިޑް އިންޝުއަރެންސުން ވަނީ ހަމަޖައްސާފައެވެ.

އެގޮތުން އެކާޑު މެދުވެރިކޮށް މިއަދުން ފެށިގެން ހޯމް ކޮންޓެންޓްސް ތަކާފުލްއާއި، ޙައްޖު އަދި ޢުމްރާ ތަކާފުލްގެ އިތުރުން 175 ރުފިޔާގެ ރޭޓުން މޮޓޯ ތާރޑް ޕާޓީ އިންޝުއަރަންސް ގަނެވޭނޭކަމަށް އެކުންފުނިން ބުނެއެވެ. ގިފްޓް ވައުޗަރ ތަޢާރަފްކޮށް، އޭގެ ޚިދްމަތް ރަސްމީކޮށް ފެށުމުގެ ގޮތުން  އެލައިޑް އިންޝުއަރެންސް ކުންފުނީގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެކުންފުނީގެ ޖެނެރަލް މެނޭޖަރ އިބްރާޙީމް ފިރުޝާން ވިދާޅުވީ، މިއީ ޢާންމުންނާ ރައްޓެހި މަޤްބޫލު ކޮންސަޕްޓަކަށް ތައްޔާރުކުރެފައިވާ ޚިދުމަތެއް ކަމަށާއި ގިފްޓް ވައުޗަރ މެދުވެރިކޮށް ނެގޭ ޕްރޮޑަކްޓްސްތަށް އިތުރުކުރުމަކީ އެކުންފުނީގެ ޢަމާޒެއް ކަމަށެވެ. 

" ވައުޗަރ ގަތުމުގެ އެންމެ ބޮޑު ފައިދާއަކީ ކްރެޑިޓް ކާރޑުން ފައިސާ ދެއްކުމުގެ ބަދަލުގައި ވައުޗަރ ސިލެކްޓްކޮށްފައި ވައުޗަރ ނަމްބަރު ލާރި ދައްކާތާ ޖަހާލީމަ ލާރި ދެއްކުނީ. މިއާއެކު ތިމާގެ ބޭފުޅުންނަށް ހަދިޔާއަކަށް ވައުޗަރ ދެވޭނެ. އޭރުން އެބޭފުޅަކު އަމިއްލަ އަށް ޕޮލިސީ ނިންމަވާނީ. ޙައްޖަށް ދާ މީހެއް ހުރެއްޖަނަމަ އެލައިޑުގެ އެޖެންޓުން މެދުވެރިކޮށް ވަޑައިގެން ވައުޗަރ ހަދިޔާއާ ކުރީމަ އެބޭފުޅާ އަމިއްލަ ޓައިމްގައި އޮންލައިނަށް ވަދެގެން ހަދިޔާއެއްގެ ގޮތުގައި ރީއިންމާސް ކުރެވޭނެ.'' އެލައިޑް ކުންފުނީގެ ޖެނެރަލް މެނޭޖަރ އިބްރާޙީމް ފިރުޝާން ވިދާޅުވިއެވެ.

އެލައިޑް އިންޝުރެންސް ކުންފުނިން އަލަށް ތަޢާރަފްކުރި ގިފްޓް ވައުޗަރ ގަތުމަށްފަހު އެލައިޑް ނުވަތަ އަޔާދީ އޮންލައިން ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކުމަށްޓަކައި ވައުޗަރގެ ނަމްބަރު ޖެހުމުން ފައިސާގެ ޓްރާންސްސެކްޝަން ފުރިހަމަވެ ޕޮލިސީ އެކްޓިވޭޓް ވާނެއެވެ. ވައުޗަރގެ މުއްދަތަކީ އެއްއަހަރު ދުވަހެވެ. ހޯމް ކޮންޓެންޓްސް ތަކާފުލް ވައުޗަރގެ ދަށުން 60 އައިޓަމެއް ލިބެން ހުންނާނެއެވެ. އޭގެ ތެރޭގައި، ބެޑްރޫމް ސެޓާއި، ސޯފާ ސެޓާއި، ފްރިޖާއި، މައިކްރޯވޭވް ފަދަ ސާމާނު ހިމެނެއެވެ. އެގޮތުން ފަންސާސް ހާސް ރުފިޔާއިން ފެށިގެން ފަސްލައްކަ ރުފިޔާއާ ހަމަޔަށް ޕްރޮޑަކްޓްސް ގަނަވެނޭ ކަމަށް އެލައިޑް އިންޝުއަރެންސް ކުންފުނިން ބުނެއެވެ. ގިފްޓް ވައުޗަރގެ ޚިދުމަތް އެލައިޑްގެ މައި އޮފިހާއި، އެޖެންޓުން އަދި ރަށްރަށުން ލިބެން ހުންނާނެކަމަށް އެކުންފުނިން ބުނެއެވެ. އަތޮޅުތެރެއިން މި ޚިދުމަތް ލިބޭނީ، ގދ.ތިނަދޫ، ގއ.ވިލިނގިލި، ހދ.ކުޅުދުއްފުށި، ށ.މިލަންދޫ، އައްޑޫ ސިޓީގެ އިތުރުން ފުވައްމުލައް ސިޓީއިންނެވެ.