ކުޅިވަރު

ރޮނާލްޑޯއަށް 100 އަކުން 100


ޗެމްޕިއަންސް ލީގުގައި އެއް ކުލަބަކަށް އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް ރެއާލް މެޑްރިޑުގެ ކްރިސްޓިއާނޯ ރޮނާލްޑޯ ފުރިހަމަކޮށްފިއެވެ.

ފްރާންސްގެ ޕީއެސްޖީ ކޮޅަށް އޭނާ ރޭ ޖެހި ދެ ގޯލާއެކު ޔޫރަޕުގެ އެންމެ ޝަރަފުވެރި މުބާރާތުގައި ރެއާލްއަށް އޭނާ ޖަހައިދިން ގޯލުގެ އަދަދު ވަނީ 101 އަށް އަރާފަވެ. ޗެމްޕިއަންސް ލީގުގައި އެއް ޓީމަކަށް 100 ގޯލު ޖެހި އަދި މުބާރާތުގައި 100 ގޯލު ހަމަކުރި ހަމައެކަނި ކުޅުންތެރިއަކީ ވެސް އޭނާ އެވެ.

ދެ ވަނާގައިވަނީ ވާދަވެރި ބާސެލޯނާގެ ފޯވަޑް ލަޔޮނަލް މެސީއެވެ. އޭނާ ޖެހި ގޯލުގެ އަދަދަކީ 97 އެވެ. ތިން ވަނާގައިވަނީ ރެއާލް މެޑްރިޑުގެ ކުރީގެ ކެޕްޓަން ރައުލް ގޮންޒާލޭޒްއެވެ. އޭނާ ޖަހާފައިވަނީ 66 ގޯލެވެ. ހަތަރު ވަނާގައިވަނީ އިޓަލީގެ ކުރީގެ ފޯވަޑް އަލެސެންދްރޯ ޑެލްޕިއެރޯއެވެ. އޭނާ ވަނީ 42 ގޯލު ޖަހާފައެވެ.

މިހާރުގެ ކުޅުންތެރިންގެ ތެރެއިން މެސީ އާއި ރޮނާލްޑޯގެ ފަހަތުން ތިން ވަނާގައިވަނީ 31 ގޯލު ޖަހާފައިވާ ރެއާލް މެޑްރިޑުގެ ކަރީމް ބެންޒެމާ އެވެ.