ކުޅިވަރު

ރެއާލް މެޑްރިޑް މަރެއްނުވޭ: ރާމޯސް


ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑަށް ކްރިސްޓިއާނޯ ރޮނާލްޑޯ ޖަހައިދިން 100 ގޯލާއެކު ޕީއެސްޖީ 3-1 ން ބަލިކޮށް، އެ ޓީމު ހަމަޖެހިލައިފި އެވެ.

ރޮނާލްޑޯ ޖެހި ދެ ގޯލާއި ބްރެޒިލްގެ މާސެލޯ ޖެހި ގޯލުން ރެއާލް މޮޅުވި މެޗަށް ފަހު ކެޕްޓަން ސާޖިއޯ ރާމޯސް ބުނީ "ރެއާލް އަދި މަރުވީ ކަމަށް ބަލައިގެންނުވާނެ،" ކަމަށެވެ. އޭނާ މިހެން ބުނީ ސްޕެނިޝް ކަޕުން ކަޓައި، އަދި ސްޕެނިޝް ލީގުގައި ރެއާލް ދައްކާ ދަށް ކުޅުމުގެ ސަބބުން ޗެމްޕިއަންސް ލީގުގައި ވެސް ނަތީޖާ ގޯސްވާނެ ކަމަށް ބައެއް މީހުން ލަފާކުރާތީއެވެ.

"ރެއާލް އަދި މަރެއްނުވޭ. އަހަރުމެން މިފަދަ މުހިންމު މެޗުތަކުގައި އަބަދުވެސް އަހަރުމެން ބޭނުންވާ ނަތީޖާ ނެރެން. ޗެމްޕިއަންސް ލީގަކީ ހުރިހާ ގޮތަކުން ވެސް އަހަރުމެންނަށް ހާއްސަ މުބާރާތެއް،" މުބާރާތް މިހާތަނަށް 12 ފަހަރު ކާމިޔާބު ކޮށްފައިވާ ޓީމުގެ ކެޕްޓަން ބުންޏެވެ.

ރޭގެ މޮޅާއެކު ރެއާލްއަށް ވަނީ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ލިބުމުގެ ދޮރު ވަރަށް ބޮޑަށް ހުޅުވިފައެވެ. ޕީއެސްޖީ އަށް ގޯލު ޖަހައިދިން އެޑްރިއަން ރަބިއޮޓް ބުނީ އޭނާގެ ޓީމު މިފަދަ މުހިންމު މެޗުތަކުގައި ވަރަށް ބޮޑަށް ސަމާލުވާންޖެހޭ ކަންތައްތަކެއް އެބަހުރިކަމަށެވެ. ބައިކޮޅަށް ވަންނަ ގޯލުތަކަކީ އަބަދުވެސް ޓީމަށް ދިމާވެފައިވާ ބޮޑު މައްސަލައެއް ކަމަށެވެ.