ކުޅިވަރު

ލިވަޕޫލަށް ބޮޑު މޮޅެއް، ކްއާޓަރއާ ކައިރިވެއްޖެ


ބޮޑު މޮޅަކުން ޕޯތޯ ބަލިކޮށް، ޔުއެފާ ޗެމްޕިއަންސްލީގުގެ ކްއާޓަރ ފައިނަލުގެ ޖާގައެއް ލިބުނުކަމުގެ ހިތްހަމަޖެހުން ލިވަޕޫލުން ހޯދައިފިއެވެ. 

ގަދަ ސޯޅަ ޓީމް ވާދަކުރާ ބުރުގެ ފުރަތަމަ ލެގުގައި ރޭ ލިވަޕޫލް ވަނީ ޕޯތޯގެ ދަނޑުގައި އެޓީމް ކޮޅަށް ފަސް ލަނޑު ޖަހާފައެވެ. 5-0 ން ލިވަޕޫލް މޮޅުވި މެޗުގައި މާނޭ ތިން ލަނޑު ޖަހާ ހެޓްރިކް ހެދިއެވެ. އަނެއް ދެ ލަނޑު ޖެހީ ސަލާހުއާއި ފިރްމީނިއޯއެވެ. ރޭގެ މެޗުގައި މާނޭ ޖެހި ތިން ލަނޑާއެކު އޭނާ ވެފައިވަނީ ޔޫރަޕްގެ މުބާރާތެއްގެ އަވޭ މެޗެއްގައި 2002 ވަނަ އަހަރުގެ ފަހުން ލިވަޕޫލަށް ހެޓްރިކެއް ހަދައިދިން ފުރަތަމަ ކުޅުންތެރިޔާއަށެވެ. 2002 ވަނަ އަހަރު ލިވަޕޫލްގެ ޖަރޒީގައި ހެޓްރިކް ހެދީ ކުރީގެ އިނގިރޭސި މަޝްހޫރު ފޯވާޑް މައިކަލް އޮވެންއެވެ. 

ރޭގެ މެޗުގައި ޕޯތޯ ބޮޑު ތަފާތަކުން ބަލިވީ، ރަނގަޅު ފޯމެއްގައި ވަނިކޮށެވެ. ރޭގެ މެޗާ ހަމައަށް މިސީޒަންގައި އެޓީމް ބަލިވެފައިވަނީ އެންމެ ދެ މެޗުންނެވެ. އަނެއްކޮޅުން ރޭގެ މޮޅަކީ މިދިޔަ ނުވަ އަހަރުގެ ތެރޭގައި ޗެމްޕިއަންސްލީގު ނޮކްއައުޓް މެޗަކުން ލިވަޕޫލް މޮޅުވި ފުރަތަމަ މެޗެވެ.

މިދެޓީމް ވާދަކުރާ ދެވަނަ ލެގުގެ މެޗު ލިވަޕޫލްގެ ދަނޑުގައި ކުޅޭނީ އަންނަ މަހުގެ ހަވަނަ ދުވަހުއެވެ.