ޚަބަރު

ނޮވެމްބަރު 03 ގައި ރާއްޖެ ސަލާމަތްކުރީ ދިވެހި ސިފައިން - ޠާރިޤް


ނަވާރަ ސަތޭކަ އަށްޑިހަ އަށްވަނަ އަހަރުގެ ނޮވެމްބަރުމަހުގެ ތިންވަނަދުވަހު ރާއްޖެއަށް ދިން ޢުދުވާނީ ޙަމަލާއިން މިޤައުމާއި ރައްޔިތުން ސަލާމަތްކޮށް ޤައުމުގެ މިނިވަންކަން ދެމެހެއްޓީ ދިވެހި ސިފައިން ކަމަށާ، އެހަޤީގަތް އޮޅުވާލަން ބަޔަކު ކިތަންމެ މަސައްކަތެއް ކުރިއަސް އެކަން ބަދަލެއްނުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަޙުމަދު ތޯރިޤް ވިދާޅުވެއްޖެއެވެ. 

"ރުމާލު 2 " ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު ޠާރިޤް އިބްރާހީމް ވިދާޅުވީ، ނޮވެމްބަރު ތިނެއްގެ ޢުދުވާނުން ޤައުމު ސަލާމަތްކޮށް މި ދިވެހި ފަސްގަނޑު މިނިވަން ތަނެއްގެ ގޮތުގައި ހެދުމަށް އެންމެ ބުރަކޮށް މަސައްކަތްކުރީ ދިވެހި ސިފައިން ކަމަށާއި، އެކަން ކުރީ އިންޑިއާ ސިފައިން ނޫން ކަމަށެވެ. އެހެން ނަމަވެސް އެދުވަހު ބާޣީން ރަހީނުކޮށްގެން ގެންދިޔަ ދިވެހި ރައްޔިތުން ސަލާމަތްކުރުމުގައި އިންޑިއާ ސިފައިންގެ އެހީ ލިބުނު ކަމަށާއި އެކަމަށްޓަކައި އިންޑިއާގެ ސަރުކާރަށް ދިވެހިން ޝުކުރުއަދާކުރާކަމަށް ޠާރިޤްވިދާޅުވިއެވެ. 

"ނޮވެމްބަރު ތިނެއްގެ ހާދިސާ އިން ރާއްޖެ ސަލާމަތް ކުރީ އިންޑިއާ ސިފައިން ނޫން. ރާއްޖެ އެހާދިސާއިން ސަލާމަތް ކުރީ ދިވެހި ސިފައިން. އެހަމަލާގެ ފުރަތަމަ ބައި ހެނދުނު ނިމިއްޖެ. އިންޑިއާ ސިފައިންގެ ފުރަތަމަ ފްލައިޓް ވެސް ހުޅުލޭ އެއާޕޯޓްގައި ޖެއްސީ ހަވީރު 17:30. އޭރު ދިވެހި ސިފައިން ރާއްޖެ ސަލާމަތްކޮށްފި،." އަޙުމަދު ޠާރިޤް ވިދާޅުވިއެވެ.

ޠާރިޤް ވިދާޅުވީ ނޮވެމްބަރު ތިނެއްގެ ޙާދިސާގެ ސަބަބުތަކުގެތެރެއިން ސާފުނުވާ ބައެއްކަންކަން އަދިވެސް އެބަހުރިކަމަށާ، އެހާދިސާގެ ހަޤީޤަތް އެނގިވަޑައިގަންނަވާ ބޭފުޅުންގެތެރެއިން ކުރީގެ ރައީސް މައުމޫނާއި ކުރީގެ މިނިސްޓަރު އިބްރާހިމް ހުސެއިން ޒަކީ އެކަންކަމުގެ ހަޤީގަތް ހާމަކޮށްދެއްވުމަށް ޠާރިޤް ވަނީ  ގޮވާލައްވާފައި.

"އަޅުގަނޑު އެދެން އިބްރާހިމް ހުސައިން އާއި އަދި ކުރީގެ ރައީސް މައުމޫނަށް 03 ނޮވެމްބަރު 1988 ގެ ހަޤީގަތް ދިވެހި ރައްޔިތުންނަށް ސާފުކޮށް ކިޔާދޭން. މި ތާރީޚުގެ ފަހުން ޕްލޮޓް ޖަމާއަތުގެ ވެރިޔާ އުމާ މަހޭޝްވަރަން ލަންކާގެ ކޮލަމްބޯގެ ދިވެހި އެމްބަސީ ދޮރު މައްޗަށް މަރާ ވައްޓާލާފައި އޮތް. އެއީ ކީއްވެތޯ އަޅުގަނޑުމެން އެނގެން ބޭނުންވާތީ އިބްރާހިމް ހުސައިން ޒަކީގެ އަރިހުން އެވާހަކަ ކިޔައިދޭން މިއެދެނީ،" ޠާރިޤް ވިދާޅުވިއެވެ.

މިޖަލްސާގައި ޠާރިޤުވަނީ ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުފޫޒުފޯރުވަން އުޅޭ ބޭރުގެ ފަރާތްތަކަށް ވަރަށްބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅުދައްކަވާފައެވެ.