ތަޢުލީމު

އޮރެކަލް އެކެޑަމީގެ މެންބަރ އިންސްޓިޓިއުޓަކަށް ސައިރެކްސް ކޮލެޖް


ކޮންޕިއުޓަރ ސައިންސްގެ ދާއިރާއިން އައު އީޖާދުތައް ގެނައުމަށް މަސައްކަތް ކުރަމުންދާ އެމެރިކާގެ އޮރެކަލް އެކެޑަމީގެ މެންބަރ އިންސްޓިޓިއުޓަކަށް ސައިރެކްސް ކޮލެޖު ވެއްޖެއެވެ. 

ސައިރެކްސް ކޮލެޖުގައި މިއަދު ބޭއްވު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވައިސް ރެކްޓަރ އެކަޑަމިކްސް މުޙައްމަދު ޝަރީފް ވިދާޅުވީ އޮރެކަލް އެކެޑަމީގެ މެންބަރ އިންސްޓިޓިއުޓަކަށް ސައިރެކްސް ކޮލެޖް ވުމުން ކިޔެވުމުގެ ހުރިހާ ކަމެއްގައިވެސް އެ އެކަޑެމީގެ ބޮޑު އެއްބާރުލުމެއް ސައިރެކްސް ކޮލެޖްގެ ދަރިވަރުންނަށް ލިބިގެންދާނެކަމަށެވެ.  އަދި އެ އެކަޑަމީގެ އޮންލައިން ވާޗުއަލް ޑޭއެއްގައި ބައިވެރިވުމުގެ ފުރުސަތު ސައިރެކްސްގެ ދަރިވަރުންނަށް ލިބިގެންދާނެކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ކުދިން އެކުދިންގެ މުސްތަޤްބަލް ރޭވުމުގައިވެސް އަދި އެކުދިންދެން ކިޔަވަންދަނެ ތަނަކާއި މެދުވެސް ނުވަތަ ކިޔަވާނެ ކޯހަކާއިމެދު ހިޔާލުކުރުމުގައިވެސް އޮރަކަލްގެ އެހީ ލިބޭނެ. އޮރަކަލްގައި މިހާރު މަސައްކަތްކުރަމުންދާ އިންފޮމޭޝަން ޓެކްނޮލޮޖީ ސްފެޝަލިސްޓުންނާއި އަޅުގަނޑުމެންގެ ކުދިންނާ ގުޅޭނެ ވޯކްޝޮޕްތައް މީގެތެރޭގައި އަޅުގަނޑުމެންނަށް ހަމަޖެހިގެންދާނެ." ސައިރެކްސް ކޮލެޖްގެ ވައިސް ރެކްޓަރ އެކަޑަމިކްސް މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.

ސައިރެކްސް ކޮލެޖުން ވަރަށް އަވަހަށް އޮރެކަލް އެކަޑަމީގެ ސެޓްފިކެޓް ލިބޭ ކޯސްތަކެއް ފަށާނެކަމަށް އެ ކޮލެޖުން ބުނެއެވެ. މި ކޯސްތައް ފަރުމާކުރެވިފައިވަނީ އޮންލައިންކޮށް ދަރިވަރުންނަށް ކިޔެވުމަށް ފަސޭހަވަނެފަދަ ގޮތަކަށްކަމަށް އެ ކޮލެޖުން ބުނެއެވެ.

އޮރެކަލް އެކެޑަމީއަކީ ކޮންޕިއުޓަރ ސައިންސްގެ ދާއިރާއިން އައު އީޖާދުތައް ގެނައުމަށް ބޮޑެތި މަސައްކަތްތަކެއް ކޮށްފައިވާބައެކެވެ. 11 ޤައުމެއްގައި އޮރެކަލް އެކަޑަމީ ހުރިއިރު 3 މިލިއަނަށް ވުރެ ގިނަ ކުދިން މި އެކަޑަމީގެ ދަށުން އަންނަނީ ތައުލީމް ޙާސިލްކުރަމުންނެވެ.