ޚަބަރު

ސެނެގާލް އާ ސަފީރު ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އަރުއްވައިފި


 
ސެނެގާލް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު މިސްޓަރ އަމަޑޫ ‏‏މުޞްތަފާ ޟިއޫފް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ‏‏ޢަބްދުލްޤައްޔޫމަށް މިއަދު އަރުއްވައިފިއެވެ.


 
މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ‏‏ފަތްކޮޅު އެރުއްވުމަށްފަހު، ސެނެގާލްގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ‏‏އެމަނިކުފާނަށް ތަހުނިޔާ ވިދާޅުވިއެވެ.


 
މި ބައްދަލުކުރެއްވުމުގައި ރާއްޖެއާއި ސެނެގާލާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުމާއި، މިގުޅުން އިތުރަށް ‏‏ބަދަހިކުރެއްވުމާ‏‎‎‏ބެހޭގޮތުންނާއި، ޚާއްޞަކޮށް، ޓޫރިޒަމާއި ކަނޑުގެ ސަރަޙައްދު ޙިމާޔަތްކުރުމުގެ ‏‏ދާއިރާއިން ގުޅުން އިތުރަށް ތަރައްޤީކުރުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. އަދި ‏‏ސެނެގާލާއި ރާއްޖެއާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން، ސެނެގާލްގެ އާސަފީރުގެ ދައުރުގައި އިތުރަށް ‏‏ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.


 
 


މިބައްދަލުކުރެއްވުމުގައި ސެނެގާލް ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއިން ‏‏ބޭނުންވާ ކަންކަމުގައި ސެނެގާލް ސަރުކާރުން ރާއްޖެއަށް އަބަދުވެސް އެހީތެރިކަމާއި އެއްބާރުލެއްވުން ‏‏ދެއްވަމުން ގެންދަވާނެ ކަމުގައި ވިދާޅުވިއެވެ.