ކުޅިވަރު

ބޭނުންވަނީ ޕޯޓޯ ހާސްކޮށްލަން: ލިވަޕޫލް


ޗެމްޕިއަންސް ލީގުގައި މިރޭ ޕޯޓޯއާ ދެކޮޅަށް ކުޅޭ މެޗުގައި ތާރީހް ބުރަވަނީ ލިވަޕޫލް ކޮޅަށް ކަމަށާއި ބޭނުންވަނީ އިދިކޮޅު ޓީމު ހާސްކޮށްލަން ކަމަށް ފޯވަޑް ރޮބާޓޮ ފިރްމީނޯ ބުނެފިއެވެ.

މެޗުގެ ކުރިން ވާހަކަ ދައްކަމުން ބްރެޒިލްގެ ފޯވަޑް ބުނީ މި ސީޒަނުގައި ލިވަޕޫލްގެ ފޯވަޑް ލައިން ކުރީ އަހަރުތަކަށްވުރެ ރަނގަޅު ކަމަށާއި، މިހެންވެ މޮޅު ވެވޭނެ ކަމުގެ ޔަޤީންކަން ބޮޑު ކަމަށެވެ.

"އަހަރުމެންނަކަށް ނޭނގެ އިދިކޮޅު ޓީމު އަހަރުމެން ދެކެ ބިރު ގަންނާނެ ކަމެއް. އެކަމަކު އަހަރުމެންނަށް އެމީހުންނަށް ހުރިހާ ގޮތަކުން ވެސް އުނދަގޫ ކުރެވިދާނެ. އަހަރުމެން އޮތީ ރަނގަޅު ޓްރެކްގައި،" މި ސީޒަނުގައި 20 ގޯލު ޖަހާފައިވާ ފޯވަޑް ބުންޏެވެ.

ކޯޗު ޔާގެން ކްލޮޕް ބުނީ ޔޫރަޕުގެ ކުރީގެ ދެ ޗެމްޕިއަނުން ކުޅޭ މެޗަކީ ހުރިހާ ގޮތަކުން ވެސް ފޯރިގަދަވާނެ މެޗެއް ކަމަށާއި، ލިވަޕޫލް އޮތީ ޔޫރަޕުގެ އެންމެ ބޮޑެތި ޓީމުތަކާ ވާދަކުރެވޭ ފެންވަރުގައި ކަމަށެވެ.

މި ދެ ޓީމު މިހާތަނަށް ވަނީ ހަތަރު ފަހަރެއްގެ މަތީން ޔޫރަޕުގެ އެކި މުބާރާތްތަކުގައި ވާދަކޮށްފައެވެ. މީގެ ތެރެއިން ދެ މެޗު ލިވަޕޫލް ކާމިޔާބުކޮށްފައިވާއިރު، އަނެއް ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ.