ތަޢުލީމު

މެލޭޝިއާ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަނީ


މެލޭޝިއާ ސަރުކާރާއެކު ސޮއިކުރި އެމްއޯޔޫގެ ދަށުން ރާއްޖެއަށް ލިބިފައިވާ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ހަފްތާގެ ތެރޭގައި ހުޅުވާލާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ.ޢަބްދުﷲ ނަޒީރު ވިދާޅުވީ ސްކޮލަރޝިޕްތަކަށް ޢިއުލާންކުރުމަށް ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ކުރަމުން ގެންދާކަމަށެވެ. 

މިދިޔަ އަހަރަކީ ތަޢުލީމީ ދާއިރާއިން ގިނަ ގޮތްތަކުން ކުރިއެރުންތައް ލިބިގެންދިޔަ އަހަރެކެވެ. ރާއްޖޭގެ ތާރީހުގައި އޯލެވެލް އިމްތިހާނުން މިހާތަނަށް އެންމެ ރަގަޅު ކާމިޔާބީ ހޯދި އަހަރަކަށް މިދިޔަ އަހަރުވެގެންދިޔައެވެ. ހަމައެއާއި އެކު މަތީ ތައުލީމަށް ކިޔެވުމަށް އެންމެ ގިަ ފުރުސަތުތަކެއް ދިވެހި ދަރިވަރުންނަށް ލިބިގެން ދިޔަ އެއް އަހަރުގެ ގޮތުގައިވެސް މިިދިޔަ އަހަރު ވެގެންގޮސްފައިވެއެވެ. މިގޮތުން ސަރުކާރުން ސަރުކާރުގެ ހިލޭ އެހީގެ ދަށުން 2050 ސްކޮލަރޝިޕް ތައާރަފްކޮށްފައިވާއިރު ބައެއް އެކުވެރި ޤައުމުތަކުންވެސް ގިނަ ސްކޮލަރޝިޕް ފުރުސަތުތަކެއް ދިވެހި ދަރިވަރުންނަށް ހޯދައިދިނުމަށް ސަރުކާރުން މަސައްކަތްކޮށްފައިވެއެވެ. 

މީގެތެރެއިންވެސް އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ ދިވެހި ދަރިވަރުންނަށް މެލޭޝިއާއިން ކިޔެވުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަށް ދިވެހި ސަރުކާރާއި އެ ޤައުމާއެކު ވީ އެއްބަސްވުމެވެ. މިިދިޔަ ޑިސެމްބަރުމަހު މެލޭޝިއާ ސަރުކާރާއެކު ރާއްޖެއިން އެކުލަވާލި އެއްބަސްވުމުގެ ދަށުން މެލޭޝިއާގެ އެކި ޔުނިވަރސިޓީތަކުން މަތީ ތަޢުލީމު ޙާސިލްކުރުމަށް 500 ސްކޮލަރޝިޕް ފުރުސަތު ރާއްޖެއަށްވަނީ ލިބިފައެވެ. ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ.ޢަބްދުﷲ ނަޒީރު ވިދާޅުވީ މިހާރު މެލޭޝިޔާއިން ލިބުނު ސްކޮލަރޝިޕްތަކުގެ ތަފްސީލުތައް އެ މިނިސްޓްރީއަށް މިހާރު ލިބިފައިވާކަމަށެވެ. އަދި އެ ސްކޮލަރތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ހަފަތާގައި ހުޅުވާލުމަށް މަސައްކަތްކުރަމުންދާކަމަށާއި މިހާރުކުރިއަށްދަނީ ސްކޮލަރޝިޕްތައް ޢިއުލާންކުރުމަށް ކުރަންޖެހޭ އެންމެ ފަހުގެ ތައްޔާރީތައްކަމަށްވެސް ނަޒީރު ވިދާޅުވިއެވެ.

އަޑު: " މިހާރު މިދަނީ އިއުލާންކުރުމަށްޓަކާ ކުރަންޖެހޭ މަސައްކަތްތައްކުރަމުން. ކުރިއަށް އޮތް 3 ދުވަސް ތެރޭގައި ހުރިހާ މަސައްކަތްތައް ނިންމާ އަންނަ ހަފްތާގައި ސްކޮލަރޝިޕްތަކަށް ކުރިމަތިލުމަށް އިއުލާންކުރެވޭނެ."

މެލޭޝިއާއިން ރާއްޖެއަށް ލިބުނު 500 ސްކޮލަރޝިޕްތަކުގެ އިތުރުން ސްރީލަންކާ ސަރުކާރާއެކު ކުރި މަޝްވަރާތަކުން ކޮލަމްބޯ ޔުނިވަރސިޓީންވެސް ވަނީ ދިވެހި ދަރިވަރުންނަށް އެމްބީބީއެސް ކިޔެވުމަށް 10 ޖާގަ ލިބިފައެވެ. މީގެއިތުން މިހާރުވެސް ބައެއް ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އޭގެތެެރޭގައި ތައިލޭންޑްގެ ޔުނިވަރސިޓީން ލިބިފައިވާ ސްކޮލަރޝިޕްތަކަކާއި ލަވްލީ ޕްރޮފެޝަނަލް ޔުނިވަރސިޓީގެ ކޯސްތަކާއި އިންޑިއާގެ އައިސީސީއާރްގެ ސްކޮލަރޝިޕްތައް ހިމެނެއެވެ. 

މެލޭޝިއާގެ ކޭޑީޔޫއިން ރާއްޖެއާއެކު ވަރަށް އަވަހަށް އެމްއޯޔޫއެއް ހެދުމަށް ނިންމާފައިވާކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. ސަރުކާރުން ފަހިކޮށްދެމުންދާ ތަޢުލީމީ ފުރުސަތުތަކަށް ޒުވާނުން ކުރިމަތިލާ މި ފުރުސަތުތަކުގެ ބޭނުން ހިފުމަށް އެޑިއުކޭޝަން މިނިސްޓްރީން އިލްތިމާސްކުރެއެވެ.