ޚަބަރު

ނަޝީދުގެ ވާހަކަތަކަށް ޗައިނާއިން ހޫނު ރައްދެއް!


ރާއްޖޭގެ ބިންތަކަށް ޗައިނާއިން އަތްގަދަކުރަމުންދާކަމަށް ބައިނަލްއަޤްވާމީ މީޑިއާގައި ރައީސް ނަޝީދު ދެއްކެވި ވާހަކަތަކަށް ޗައިނާއިން ވަރަށްބޮޑަށް ފާޑުކިޔައި ރައްދުދީފިއެވެ.

ރާއްޖޭގައި ޗައިނާގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާކަމަށާއި، ރާއްޖޭގެ ބިންތަކަށް ޗައިނާއިން އަތްގަދަކުރަމުންދާކަމަށްބުނެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ބައިނަލްއަޤްވާމީ މީޑިއާގައި ދެއްކެވި ވާހަކަތަކަށް ރައްދުދެއްވައި ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން ނެރުއްވި ބަޔާނުގައިވަނީ، ރާއްޖެއާއި ޗައިނާއީ ދެޤައުމު ގުޅިގެން ކުރަމުންދަނީ ދެޤައުމަށްވެސް ފައިދާވާނެ އިޤްތިޞާދީ މަސައްކަތްތަކެއްކަމަށެވެ. އަދި ރައީސް ނަޝީދުވެ ވެރިކަމުގައިވެސް ޗައިނާއާ ގުޅިގެން އިޤްތިޞާދީ މަސައްކަތްތަކެއް ދިވެހި ސަރުކާރުން ކުރިކަމަށާއި، އޭގެތެރޭގައި ފްލެޓް އެޅުމާއި، މަގުހެދުމުގެ މަޝްރޫޢުތައް ހިމެނޭކަމަށެވެ.

ޗައިނާ އެމްބަސީން ނެރުނު ބަޔާނުގައިވަނީ، ރައީސް ނަޝީދު ދެއްކެވި ވާހަފުޅުގައި، ޗައިނާއިން ރާއްޖޭގެ ބިންތައް ޗައިނާގެ ބާރުގެ ދަށަށް ގެންގޮސް، ސަރަހައްދުގެ ސަލާމަތަށް ބާރުފޯރުވަމުންދާކަމަށް ދެއްކި ވާހަކަތަކާ ގުޅިގެން ޗައިނާއިން ހިތާމަކުރާކަމަށެވެ. އަދި ވޭތުވެދިޔަ 4 އަހަރުގެ ތެރޭގައި 30 ޤައުމަކުން ރާއްޖޭގެ 124 ރަށެގައި އިންވެސްޓް ކޮށްފައިވާކަމަށެވެ. އެހެން ނަމަވެސް ޗައިނާއިން އިންވެސްޓް ކުރަމުންދަނީ ރާއްޖޭގެ 7 ރަށެއްގައިކަމަށް ޗައިނާގެ ބަޔާނުގައިވެއެވެ.

އަދި ރާއްޖެ-ޗައިނާ ގުޅުމާ ގުޅޭގޮތުން ރައީސް ނަޝީދު ހަޤީޤަތެއްނެތް ވާހަކަތަކެއް ދައްކަމުންދާތީ ކަންބޮޑު ވާކަމަށް ޗައިނާ އެމްބަސީން ވަނީ ބުނެފައެވެ. ދިވެހި ސަރުކާރާ ގުޅިގެން ކުރިއަށްގެންދާ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާއި، އިޤްތިޞާދީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށްގެންދާނެކަމުގެ ޔަޤީންކަން ޗައިނާއިން ވަނީ ދީފައެވެ.