ޚަބަރު

ކުޅުދުއްފުށި ކަރަންޓު މައްސަލަ ހައްލުކުރާނަން - ފެނަކާ


ކުޅުދުއްފުށީގެ ޖަނަރޭޓަރަށް ދިމާވި ޓެކްނިކަލް މައްސަލައާ ގުޅިގެން މި މައްސަލަ ހައްލުވަންދެން ރަށުގެ އެކި ސަރަހައެްދުތަކުން ބައެއް ގަޑިތަކުގައި ކަރަންޓު ކަނޑާލަން ޖެހިދާނެކަމަށް ފެނަކައިން ބުނެފިއެވެ.

ކުޅުދުއްފުށީގެ ކަރަންޓުގެ ހާލަތާގުޅޭގޮތުން ފެނަކައިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ލޯޑު މަތިވާ ގަޑިތައްކަމުގައިވާ ހެނދުނު 10:00އާއި ހަވީރު 5:00އާ ދޭތެރޭގައި އެރަށުގެ ހަތަރުބައިކުޅަ އެއްބައިން ކަރަންޓުގެ ޚިދުމަތް ކަނޑާލަންޖެހިދާނެކަމަށް. ފެނަކައިން ބުނީ ކުޅުދުއްފުށީގެ ޖަނަރޭޓަރަށް ދިމާވި މައްސަލަ ހައްލުވަންދެން، ވަގުތީ ހައްލެއް ހޯދުމުގެ ގޮތުން 800 ކިލޯ ވޮޓުގެ ޖަނަރޭޓަރ ސެޓެއް އެރަށަށް ގެންދިއުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ. 

ކުޅުދުއްފުށީގެ ޖަނަރޭޓަރަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް ބޭނުންވާ ސްޕެއަރތައް މިހާރު ރާއްޖެ ގެނައުމަށް ޑިސްޕެޗް ކުރެވިފައިވާކަމަށާ، މިމަހުގެ 18ވަނަ ދުވަހު މިތަކެތި ރާއްޖެ ގެނެވޭނެކަމަށް ފެނަކައިން ބުނެއެވެ. އަދި މިތަކެތި ލިބުމުން ކުޅުދުއްފުށީގެ ޖަނަރޭޓަރަށް ދިމާވެފައިވާ މައްސަލަހައްލުކޮށް ކުރިއެކޭ އެއްގޮތަށް ރަށަށް ކަރަންޓް ފޯރުކޮށްދެވޭނެކަމަށްވެސް ފެނަކައިން ބުނެއެވެ.