ޚަބަރު

16 ވަނަދުވަހު ހަމަނުޖެހުން ހިންގަން ފުރުސަތެއް ނުދޭނަން


16 ފެބްރުއަރީގައި މާލެއަށް މީހުން އެއްކޮށް ހަމަނުޖެހުން ހިންގުމަށް ފުރުޞަތު ނުދޭނެކަމަށާއި އެފަދަ ފަރާތްތަކާއި މެދު ހަރުކަށި ފިޔަވަޅު އަޅާނެކަމަށް ސަލާމަތީ ބާރުތަކުން ބުނެފިއެވެ.

ފުލުހުންނާއި ސިފައިން ގުޅިގެން އިސްކަންދަރުކޮށީގައި ދިން ބަޔާނެއްގައި ފުލުހުންގެ ތަރުޖަމާން ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާނު ވިދާޅުވީ، މިމަހުގެ ސޯޅަވަނަދުވަހު މާލެއަށް މީހުން އެއްކޮށް ހަމަނުޖެހުން ހިންގާ ސަލާމަތީ ބާރުތަކާއި ކުރިމަތިލުމަށް ބަޔަކު ރާވާކަން ފުލުހުންގެ އިންޓެލިޖެންސަށް އެނގިފައިވާކަމަށާއި، މިފަދަ ފަރާތްތަކާމެދު ޤާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެކަމަށެވެ. ޤައުމުގެ ސުލްޙަ މަސަލަސްކަން ނަގާލަން ބަޔަކު މަސައްކަތްކުރަމުންދާކަށާއި، މިގޮތުން އައްޑޫސިޓީގެ ދެ ގެެއެއްގައި ރޯކޮށްލައިފައިވާކަންވެސް ޝިފާން ވަނީ ފާހަގަކުރައްވާފައެވެ. ޝިފާން ވިދާޅުވީ މިކަން ކުރި ފަރާތްތައް ހޯދުމަށް މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާކަމަށެވެ. އަދި ޤާނޫނާ ޤަވާއިދާ ޚިލާފު އެއްވެސްކަމެއް ކުރުމުގެ ޖާގަ ފުލުހުންނާއި ސިފައިން ނުދޭނެކަމަށްވެސް ޝިފާން ވިދާޅުވިއެވެ.

" ޤައުމުގެ ސުލްހަ މަސަލަސްކަން ނަގާލާ ޤައުމު ހަލަބޮލިކޮށް ހަމަނުުޖެހުމަށް ހިއްވަރުލިބޭގޮތަށް އެކިފަރާތްތަކުން ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް މިފުރުސަތުގައި ދިވެހި ފުލުހުން އިލްތިމާސްކުރަން. އަދި ޤައުމުގެ އަމަން އަމާންކަން ނަގާލާ ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެއްދުމުގެ ނިޔަތުގައި ކުރަމުންދާ ކަންކަމަކީ އެއްވެސް ހާލެއްގައި ފުލުހުން ބަލައިގަންނާނެ ކަމެއް ނޫންކަމުގައިވެސް ދަންނަވަން. އަދި މިފަދަ އެއްވެސް އަމަލެއް ފުލުހުން ޓޮލެރޭޓް ނުކުރާނެ ވާހަކަވެސް ދަންނަވަން. ފުލުހުން އަބަދުވެސް މަސައްކަތް ކުރާނީ އަދި ސާބިތުވެ ތިބޭނީވެސް ޤައުމުގެ އަމަން އަމާންކަމާއި ސުލްހަ މަސަލަސްކަން ޤާއިމްކުރުމަށް." ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާނު ވިދާޅުވިއެވެ.

އެމްއެންޑީއެފްގެ ތަރުޖަމާނު ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ، މިމަހުގެ 16 ވާ ހުކުރު ދުވަހު މާލޭގައި ބޭއްވުމަށް ރާވަމުންދާ އެއްވުމަކީ ރާއްޖޭގެ ސުލްޙަ މަސަލަސްކަން ނަގާލުމަށް ރާވަމުންދާ ކަމެއް ކަމަށާއި، ރާއްޖޭގެ އަމަން އަމާންކަން ޤާއިމްކޮށް ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް ޤައުމީ ދިފާއީ ބާރުން އަޅާނެކަމަށެވެ. އަދި ރާއްޖޭގެ ސިޔާސީ ބައެއް ފަރާތްތަކުން ހުކުރުދުވަހު ބާއްވާ އެއްވުމަކީ އަމާންކަން ނަގާލަން ބާއްވަން އުޅޭ އެއްވުމެއް ކަމަށް އެމްއެންޑީއެފަށް މަޢުލޫމާތު ލިބިފައިވާކަމަށް އާޒިމް ވިދާޅުވިއެވެ.

" 16 ފެބްރުއަރީގައި މާލޭގައި ބޭއްވުމަށް ގޮވާލަމުންދާ އެއްވުމަކީ މާލޭގެ ސުލްހަ މަސަލަސްކަމާއި ހަމަޖެހުން ނަގާލުމުގެ ނިޔަތުގައި ރާވަމުންދާ އެއްވުމެއްކަމަށް މަޢުލޫމާތު ލިބިފައިވާތީ މިގޮވާލުމަށް ދިވެހި ލޮބުވެތި ރައްޔިތުން އިޖާބަ ނުދިނުމަށް އިލްތިމާސްކުރަން. ރާއްޖޭގައި ޤާއިމްވެފައިވާ އަމާންކަން ނަގާލަން އެެއްވެސް ފަރާތަކަށް އެއްވެސް ފުރުޞަތެއް ނުދޭނެކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހި އަސްކަރިއްޔާގެ ފަރާތުން ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރުވަން". އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވިއެވެ.

ޤައުމުގެ ސުލްހަ މަސަލަސްކަން ނަގާލާ ޤައުމު ހަލަބޮލިކޮށް، ހަމަނުޖެހުމަށް ހިއްވަރު ލިބޭގޮތަށް އެކި ފަރާތްތަކުން ކުރަމުންދާ މަސައްކަތްތައް ހުއްޓާލުމަށް ފުލުހުންނާއި ސިފައިން ވަނީ އިލްތިމާސްކޮށްފައެވެ.