ޚަބަރު

އިލްހާމް ފުލުހުންނާއި ހަވާލުވެއްޖެ


ފުލުހުން ބަލަމުންދާ މައްސަލައެއްގައި ހޯދަމުން ދިޔަ ރައްޔިތުން މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ފުލުހުންނާއި ހަވާލުވެއްޖެއެވެ. ފުލުހުން ބުނީ ފުލުހުންގެ އިދާރާއަށް އިލްހާމު ހާޒިރުވެ ފުލުހުންނާއި ހަވާލުވީ މިއަދު 11:37ގައިކަމަށެވެ.

އިލްހާމު ފުލުހުންނާއ ހަވާލުވެފައިމިވަނީ އެނާ ހޯދުމަށް ފުލުހުން އިއުލާންކޮށް ހޯދަމުންދާތާ ތިން ދުވަސް ފަހުންނެވެ. އިލްހާމް ހޯދުމަށް ފުލުހުން އިއުލާންކޮށްފައިވަނީ މިިދިޔަ ހުކުރު ދުވަހުއެވެ. ފުލުހުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލވުމުގައި ވާހަކަދައްކަވަމުން ފުލުހުން ތަރުޖަމާން ވިދާޅުވީ އިލްހާމު ހޯދަމުން ގެންދަނީ ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ޤާނޫނާއި ހިލާފަށް ވައްޓާލަން މަސައްކަތްކުރިކަމުގެ ތުހުމަތުގައިކަމަށެވެ. 

ރިޝްވަތުގެ ތުހުމަތުގައި ބަލަމުންދާ މައްސަލައަކާއި ގުޅިގެން އިލްހާމާއި ރައްޔިތުން މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަބަދުﷲ ސިނާން ހޯދުމަށް މިދިޔަ މަހުގެ 31 ވަނަދުވަހުވެސް ފުލުހުން އިއުލާންކޮށްފައިވެއެވެ. ގިނަދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައި އުޅުއްވުމަށްފަހު މި ދެ މެންބަރުން ރާއްޖެވަޑައިގެންފައިވަނީ މި މަހުގެ އެއްވަނަދުވަހު ސުޕްރީމްކޯޓުން ނެރުނު އަމުރަށްފަހުއެވެ. މި ދެ މެންބަރުން މިމަހުގެ ހަތަރުވަނަދުވަހު މާލެ އައުމުން އެއަރޕޯޓުންވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ނަމަވެސް ބަންދުގެ މުއްދަތާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިޔުމުން ކޯޓުން ވަނީ އިލްހާމާއި ސިނާންވެސް ވަނީ މިިނިވަންކޮށްފައެވެ.